ޓެކްނޮލޮޖީ

"ވިމެން އިން ޓެކް"ގެ މެމްބަރުންނާއި މިނިސްޓަރު މަލީހު ބައްދަލުކުރައްވައިފި


ރާއްޖޭގައި އައިސީޓީގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ، އަންހެނުންގެ ޖަމިއްޔާއެއްކަމަށްވާ "ވިމެން އިން ޓެކް'ގެ މެމްބަރުންނާއި، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަންގެ ދާއިރާގައި ވިމެން އިން ޓެކް ގައި ހަރަކާތްތެރިވާ ބޭފުޅުންގެ ދައުރާއި އެބޭފުޅުންނަށް ދިމާވާ އެކި ގޮންޖެހުންތައް ދެނެގަނެ ދިމާވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީގެ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވިމެން އިން ޓެކްގެ މެމްބަރުން ވަނީ އައިސީޓީ ދާއިރާގައި އެބޭފުޅުން ކުރިއަށްދިއުމަށްޓަކައި ކެރިއާ ގައިޑެންސްއާއި އެކި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ޕްރައިމަރީ އަދި ސެކަންޑްރީ ކިޔަވާ ދަރިވަރުންނަށް އައިސީޓީ ދާއިރާއާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އައިސީޓީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކޮށް މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި ދައުލަތުން ކުރެވޭނެ ކަންތައްތައްތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެން ދިޔައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ މަލީހު ވަނީ މިދާއިރާގައި އަންހެނުން ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ހައްލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ މަލީހު ގެންދަވަނީ، އައިސީޓީ ދާއިރާގައި މަސައްކަތްކުރައްވާ ކުންފުނިތަކާއި ޖަމިއްޔާތަކާއި ބައްދަލުކޮށް، މި ދާއިރާގައި ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.