ޚަބަރު

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި އަނެއްކާވެސް އިތުރު ހަމަނުޖެހުންތައް


ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އާއި ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ މެންބަރުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ސަރުކާރަށް އިޢުތިރާފު ނުވަނީސް ޤާނޫނު ހަދާ މަޖިލީސް ޖަލްސާތަކަށް ޚާޒިރުނުވުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ނިންމަވައިފިއެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ މެންބަރުން ބޭއްވި މަޝްވަރާތަކަކަށްފަހު ނިންމެވި އެ ނިންމެވުން ދިފާއުކުރައްވައި، މަހިންދާ ރާޖަޕަކްސާ ނިސްބަތްވެވަޑައިގަންނަވާ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީގެ މެންބަރެއްކަމަށްވާ ޑިނެޝް ގުނަވަރްދަނާ ވިދާޅުވީ، މިއީ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއަށް ދެއްވާ ރައްދެއް ކަމަށެވެ.

މިއާއެކު، އަންގާރަ ދުވަހު ބޭއްވި ޤަނޫނު ހަދާ މަޖިލީހުގެ ޖަލްސާގެ ތަޅުމަށް، ސަރުކާރަށް ނިސްބަތްވާ މެންބަރުން ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަޔަސޫރިޔާ ވަނީ މިކަން ކުށްވެރިކުރައްވާފައެވެ. އަދި އޭނާ ވަނީ މަޖިލީހުގެ ކަންތަތައް އއިންތިޒާމު ކުރައްވާގޮތާމެދު ހިތްހަމަނުޖެހޭނަމަ، މަޖިލީހުގެ ރިޔާސަތުން އެމަނިކުފާނު ވަކިކުރެއްވުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ވެއްދުމަށް ގޮވާލައްވާފައެވެ.

ސްރީލަންކާގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ، ސަރުކާރު ހިންގުމަށާއި މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ދަތިވެފައިވާނަމަވެސް ރައީސް މައިތިރިޕަލަ ސިރިސޭނާ ވަނީ، ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަ އަށް އަލުން މަގާމު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.