ޚަބަރު

ތިނަދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ބާއްވައިފި


ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރުމަށް ސަރުކާރުން ފަށާފައިވާ "ފަންސަވީހަށް ފަންސަވީސް" ކެމްޕޭނުގެ ދަށުން ގދ. ތިނަދޫ އަންހެނުންނަށް ޚާއްސަކޮށްގެން މޫދު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ދިހަ ދުވަހުގެ މުއްދަތަށް ތިނަދޫ އުތުރުކޮޅު މޫދުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ އެރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރާވައިގެން ބޭއްވި ހަރަކާތެކެވެ. "އަކުއަޓިކް އެކްސަސައިޒް"ގެ ނަމުގައި ބޭއްވި މި ހަރަކާތުގައި 37 ފަރާތަކުން ބައިވެރިވެފައިވާއިރު، މިއީ މިއަހަރު އެހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ދެވަނަ ހަރަކާތެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ފަލަނުވެ ހަށިގަނޑު ކޮންޓްރޯލް ކުރާނެ ގޮތްތަކާއި ބަރުދަން ލުއިކުރެވޭނެ ޑައިޓްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

"ފަންސަވީހަށް ފަންސަވީސް" ކެމްޕޭނަކީ ގައިންގަޔަށްނާރާ ބަލިތައް މަދުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން، ސަރުކާރުން ފަށާފައިވާ ޤައުމީ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން، ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ތިނަދޫގައި ވަނީ ހަކުރުބައްޔަށް ޓެސްޓު ކުރުމުގެ ޕްރޮގްރާމެއްވެސް ބާއްވާފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 250 އަށްވުރެ ގިނަ މީހުން ވަނީ ހަކުރުބައްޔަށް ޓެސްޓުކޮށްފައެވެ.