ޚަބަރު

"ދޯސްތީ"ގެ ކަނޑުމަތީ ފަރިތަކުރުންތައް ޑިފެންސް މިނިސްޓަރ ބައްލަވައިލައްވައިފި


ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިންގެން ފަށާފައިވާ ކަނޑުމަތީ ތަމްރީނު އެކްސައިޒް ދޯސްތީ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑާއި، އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ފަށާފައިވާ "އެކްސަސައިޒް ދޯސްތީ 14" ގެ ކަނޑުމަތީގެ ފަރިތަކުރުންތައް ފެށީ މި އެކްސަސައިޒްގައި ބޭނުންކުރާ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް ސަމަރަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަޑައިގަތުމާއެކުއެވެ. މި ފަރިތަކުރުންތައް ބައްލަވާލެއްވުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް ސަމަރަށް ޑިފެންސް މިނިސްޓަރ ވަޑައިގެންފައި ވަނީ އިންޑިއާގެ ކޯސްޓްގާޑް ހެލިކޮޕްޓަރުގައެވެ.

އެކްސަސައިޒް ދޯސްތީގެ ތެރެއިން ހިންގާ ކަނޑުމަތީގެ ފަރިތަކުރުންތަކުގައި ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ޙާލުގައި ޖެހޭ މީހުން ސަލާމަތްކޮށް، ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި، ޙާލު ދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތިން މީހުން ސަލާމަތްކުރާނެ ގޮތްތައްވެސް މި އެކްސަސައިޒްގައި ފަރިތަކޮށްފައިވެއެވެ.
މި ފަރިތަކުރުންތަކުގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރާއި ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރުގެ އިތރުން އެމް.އެން.ޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ވަނީ ބައިވެރިކޮށްފައެެވެ.

އެކްސަސައިޒް ދޯސްތީގެ ކަނޑުމަތީގެ ތަމްރީނުތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑިއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރުގެ އިތުރުން އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރަޖެންދްރަ ސިންހް ވަނީ އިންޑިއަން ކޯސްޓްގާޑްގެ ޝިޕް ސަމަރުއަށް ވަޑައިގަންނަވާފައެވެ.

"ޓްރައިލެޓަރަލް އެކްސްސައިޒް ދޯސްތީ 14" އަކީ ރާއްޖެއާ އިންޑިއާއާއި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެކެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2016 އޮކްޓޯބަރުގައެވެ.