ޚަބަރު

މެންޓަލް ހެލްތް އިންސްޓިޓިއުޓް އުފެއްދުމުގެ މަޝްވަރާތައް ފަށައިފި


ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފެއްދުމުގެ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

ނަފްސާނީ ދުޅޮހެޔޮކަމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓީޖިކް ޕްލޭން ތަންފީޒު ކުރުމާ ގުޅޭގޮތުން ނޭޝަނަލް މެންޓަލް ހެލްތު ޕްރޮގްރާމްގެ އިސްފަރާތްތަކާއި، ސައިކޭޓްރިސްޓުންނާއެކު ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ވަނީ ނަފްސާނީ ސިއްޙަތުގެ ޤައުމީ ސިޔާސަތުގައި ހިމެނޭ ކަންތައްތައް ފާހަގަކުރައްވައި މި ކަންތައް ހާސިލު ކުރުމުގައި ފޯރުކޮށްދޭންޖެހޭ އެހީތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އައިޖީއެމްއެޗުން ނަފްސާނީ ބަލިތަކުގެ ފަރުވާ އިތުރަށް ހަރުދަނާކޮށް، މި ދާއިރާއިން މީހުންތަމްރީނުކޮށް، އާއްމު ރައްޔިތުން ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރާނެ ގޮތްތަކާ ގުޅޭގޮތުން ހެލްތް މިނިސްޓަރ ވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައެވެ.

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތަކީ ނަފްސާނީ ބަލި ހުންނަ މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައްދިނުމާއި، ނަފްސާނީ ބަލިތަކުން ރައްކާތެރިކުރުމަށާއި، ނަފްސާނީ ބަލިމީހުންގެ އިންސާނީ ހައްޤުތަކާބެހޭ ގުޅޭގޮތުން ހޭލުންތެރިކުރުމަށް އެކުލަވާލުމަށް ނިންމާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅިގެންނެވެ.

މި ސިޔާސަތުގައި ނަފްސާނީ ބަލި މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުން ފަދަ ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތައްވެސް ހިމެނެއެވެ.

ނަފްސާނީ ދުޅޮހެޔޮކަމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓިޖިކް ޕްލޭން ތަންފީޒު ކުރުމާއި، ނޭޝަނަލް މެންޓަލް ހެލްތް އިންސްޓިޓިއުޓް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.