ޚަބަރު

މަޖިލީހަށް ކުރިމަތިލާނަމަ ސިވިލްސަރވަންޓުން 6 މަސްކުރިން ވަޒީފާއިން ވަކިވުމަށް ހަނދާންކޮށްދީފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން ޤާނޫނުގައި ބުނާ މުއްދަތުގައި ވަޒީފާއިން ވަނި ނުވެއްޖެނަމަ ފިޔަވަޅު އެޅުމަށް ޒިންމާދާރު ވެރިންނަށް އަންގައިފިއެވެ.

ސިވިލްސަރވިސް ކޮމިޝަނުން މިގޮތަށް އަންގާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗުމަހުގެ ތެރޭގައި ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވަނިކޮށެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ، ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ޝައުޤުވެރިކަން ފާޅުކުރަމުން ގެންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނަށް ލިބެމުންދާކަމަށެވެ.

އެހެންކަމުން ޤާނޫނުގައި ބުނާ 6 މަސް ދުވަހުގެ ކުރިން އިންތިޚާބުގައި ވާދަކުރަން ގަސްދުކުރާނަމަ ހަމަސްކުރިން ސިވިލް ސަރވިސްގެ ވަޒީފާ ދޫކުރަންޖެހޭކަން ހަނަދާކޮށް، އެކަމަށް ސަމާލުކަން ދިނުމަށް އެކޮމިޝަނުން ވަނީ އަންގާފައެވެ. މިއާއެކު ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ މެދު ޤާނޫނާއި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނަށާއި، އިދާރާތަކުގެ ޒިންމާދާރު އިސްވެރިނާއި، ޒިންމާދާރު ވެރިންނަށް ސިވިލްސަރވިސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ސިވިލް ސަރވިސްގެ ޤާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ޤާނޫނުއަސާސީގައި ބަޔާންކުރާ ޢާންމު އިންތިޚާބެއްގައި ވާދަކުރަން ގަސްތުކުރާ މުވައްޒަފުން އެ އިންތިޚާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސް ދުވަހުގެ ކުރިން އެމުވައްޒަފަކު ހުރި މަޤާމުން އިސްތިއުފާ ދޭންވާނެކަމަށާއި އަދި އިސްތިއުފާ ނުދީ ހުރެ އެފަދަ އިންތިޚާބަކަށް ކުރިމަތިލައިފިނަމަ ވަޒީފާއިން ވަކިކުރަންވާނޭ ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ގަސްދުކުރާ ފަރާތްތައް އެ މުވައްޒަފަކު ހުރި މަޤާމުން އިސްތިއުފާ ދިނުމަށާއި އަދި މަޤާމުން އިސްތިއުފާ ނުދީހުރެ އެ އިންތިޚާބުގައި ވާދަކޮށްފި ނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމުގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 203ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.