ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވުމުގެ ސަބަބުން މިހާރު ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމަށް އަސަރުކުރާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ނާޒިމްގެ ހުކުމް ރިވިއު ކުރާ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މިއަދު ބޭއްވި އިޖުރާޢީ އަޑުއެހުމުގައި ނާޒިމް އާއި ޕީޖީގެ ފަރާތުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އެދިލެއްވީ އާ ހެއްކެއް ފެނިފައިވާތީ މައްސަލާގައި މައުޟަވީ ގޮތެއްގައި ވާހަކަ ދައްކަން ޝަރީއަތް ހިންގައިދިނުމަށެވެ.
ނާޒިމްގެ ޤާނޫނީ ވަކީލް ނޫރުއްސަލާމް ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގައި އިތުރު މީހެއްގެ ހެކި ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން އެހެން އޮތް ނަމަވެސް އެ ފިސްތޯލައިން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ޑީއެންއޭ ފެނުމަކީ ތިންވަނަ ފަރާތަކާއި އެ ފިސްތޯލައާ ގުޅުމެއް އޮތް ކަމުގެ ވަރުގަދަ ހެއްކެއް ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުގެ ފަރާތުން ބުނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އެހެން މީހެއްގެ ޑީއެންއޭ ފެނުނު ރިޕޯޓު ކްރިމިނަލް ކޯޓާއި ހައިކޯޓަށް ހުށަނޭޅީ އެވަގުތު އެ ރިޕޯޓު ލިބިފައި ނުވާތީ ކަމަށެވެ. ސުޕްރީމް ކޯޓަށް ޑީއެންއޭ ރިޕޯޓު ހުށަނޭޅީ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅުމުންވެސް އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވުމުން ކަމަށް ދަޢުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުންޏެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލިސް ނިންމާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ނާޒިމްގެ ޙުކުމުގެ މައްސަލަ މުރާޖަޢާ ކުރުމުގެ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ މިނިސްޓަރު ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.