ބަޖެޓު ކޮމެޓީން އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކޮށް ނިމެންދެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ކޮމެޓީން އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކޮށް ނިމެންދެން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާޤުންނެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ އިރުއޮއްސި ހައެއް ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބަޖެޓު ދިރާސާކުރާ ކޮމެޓީން އަންނަ އަހަރުގެ ބަޖެޓު ފާސްކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ކޮމެޓީން ބަޖެޓު ފާސްކުރިއިރު އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 30.25 ބިލިއަން ރުފިޔާ ވަނީ ފާސްކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ކޮމެޓީން ފާސްކުރީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. އަންނަ އަހަރުގެ ބަޖެޓު ކޮމެޓީން ފާސްކުރިއިރު އަންނަ އަހަރުގެ ބަޖެޓަށް ކޮމެޓީން ހުށަހެޅި ހުރިހާ އިޞްލާޙުތަކެއްވެސް ވަނީ ފާސްކޮށްފައެވެ.