ކުޅިވަރު

ޤައުމީ އަންހެން ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް


އަންހެން ފުޓުބޯޅައިން ސަރަހައްދީ ފެންވަރުގައި ކާމިޔާބުކުރި ފުރަތަމަ މެޑަލްއާއިއެކު ރާއްޖޭގެ ސީނިއާ އަންހެން ގައުމީ ރާއްޖެ އަތުވެއްޖެއެވެ.

އެފްއޭއެސް އިންޓަނޭޝަނަލް ވުމަންސް ކުއަޑްރަންގިއުލާ މުބާރާތުގެ ބްރޯންޒް މެޑަލްއާއިއެކު ޓީމް ރާއްޖެ އައުމުން، ޓީމަށް، މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ސޯޝިއަލް އެމްޕަވާމެންޓް އަހުމަދު މަހުލޫފް އާއި، އެފްއޭއެމްގެ އިސް ވެރިން އަދި ކުޅުންތެރިންގެ އާއިލާގެ ގިނަ މެމްބަރުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޔޫއެފާއިން އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް، ސިންގަޕޯގެ ފުޓުބޯޅަ އެސޯސިއޭޝަނާއި ގުޅިގެން ބޭއްވި މު މުބާރާތުގެ ތިންވަނަ ރާއްޖޭގެ ގައުމީ ޓީމުން ހޯދީ، ތިންވަނަ ހޮވާ މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑޮނޭޝިއާ ބަލިކޮށްގެންނެވެ.

ރާއްޖޭގެ އަންހެން ގައުމީ ޓީމު މިހޯދި ކާމިޔާބީއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސީނިއާ އަންހެން ޓީމުގެ ކޯޗް މުހައްމަދު އާތިފް ބުނީ، މި ކާމިޔަބީއަކީ ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކަކާއި އެކުގައިވެސް އަންހެން ކުޅުންތެރިން ހިތްވަރާއިއެކު ގަދައަޅައި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށާއި މި ކާމިޔާބީއަކީ ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއަރުވަން ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މި ކާމިޔާބީގެ ސަބަބުން، ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއެރުވިދާބެކަމުގެ ޔަގީންކަން ބޮޑުވެއްޖެކަމަށްވެސް އާތި ފާހަގަކުރިއެވެ.

ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު ބުނީ، މިވަރު ކާމިޔާބީއެއް ހާސިލްކުރެވޭނެ ކަމަށް ކުރިން ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. އަދި މިހާހިސާބަށް ވާސިލް ވެވުމުން، އަންހެން ފުޓުބޯޅައަށް ލިބެންޖެހޭ ވަރަށް އަޅާލުން ލިބޭނަމަ މިއަށްވުރެ ބޮޑެތި ކާމިޔާބީތަށްވެސް ހާސިލްކުރެވޭނެކަން ވަދުވާ ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ސީނިއާ އަންހެން ޓީމު ދެން އެންމެ އަވަހަށް ވާދަކުރާނީ އަންނަ މަހު ނޭޕާލުގައި އޮންނަ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައެވެ.