އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސްކަމަށް ވާދަނުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލު އުވާލާ ކުރިން އޮތްގޮތަށް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިޞްލާޙު މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި އިޞްލާޙު މަޖިލީހަށް ބަލައިގަތުމާއިއެކު ބިލް ދިރާސާ ކުރުމަށް ވަނީ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވާފައެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާ މީހަކީ އުމުރުން ތިރީސް ފަސް އަހަރުގެ މީހަކަށް ވާންޖެހޭނެކަމެށެވެ. އެ މަޤާމަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރެއް ކަނޑައަޅާފައެނުވެއެވެ. އެހެންނަމަވެސް 2015 އަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު މަޖލީހުގެ 78 މެންބަރުގެ ތާއީދާއެކު ޤާނޫނު އަސާސީއަށް ބަދަލުގެނެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 65 އަހަރުކަމަށް ވަނީ ކަނޑައަޅާފައެވެ.
ޤާނޫނު އަސާސީ ތަސްދީޤު ކުރިއިރު އޮތް ގޮތަށް ވެރިކަމަށް ކުރިމަތިލެވޭ ޢުމުރު ބަދަލު ކުރުމަށް އިސްލާޙު ހުށައަޅުއްވަމުން އަލީ އާރިފް ވިދާޅުވީ، އެގޮތަށް އިޞްލާޙު ހުށައެޅުއްވީ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައީސްކަމަށް ކުރިމަތިލެވޭނެ އެންމެ މަތީ ޢުމުރެއް ކަނޑައަޅަފައިނުވާއިރު، ރާއްޖޭގައިވެސް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރައީސްކަމަށް ކުރިމަތިލުމުގެ ހައްގު އޮންނަންޖެހޭނެކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
މި އިޞްލާހަށް ވާހަކަދެއްކި ބައެއް މެންބަރުން އިސްލާހަށް ތާއީދުކުރި އިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ މި އިސްލާހަށް ފާޑުކިޔާފައެވެ. އެ މެންބަރުން ބުނީ ޤާނޫނު އަސާސީއަށް ގިނަ އިސްލާޙުތަކެއް އަވަސް އަރުވާލައިގެން ކުރީގެ ސަރުކާރުގެ މެންބަރުން ގެންނަން މަސައްކަތްކުރަމުންދާކަމަށެވެ. އަދި މި އިޞްލާޙުތައް ލެޖިސްލޭޓިވް އެޖެންޑާއާއި އެއްގޮތަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާކަމަށް ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމެނިފައިވާކަމެއް މި އިސްލާޙު ޤާނޫނު އަސާސީއަށް ގެނައުމަކީ. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ފެނިގެން މި ދިޔައީ ހަމަ މިފަދަ އިސްލާޙެއް މި މަޖިލީހަށް ހުށައެޅިފައިވަނިކޮށް އެ އިސްލާޙު އަނބުރާ ނެންގެވީމާ އަލުން އިއްޔެ އެ އިސްލާހު އަލުން ހުށައެޅިގެން މިއަދުން މިއަދަށް ބަހުސްކޮށް މިކަން ނިންމުމަށް އަމާޒުހިފާފައިވާތަން. މިއީ މިކަން ކުރެވިގެންވާނެގޮތެއް ނޫން. ކަމަކީ ރަނގަޅުކަމެއް. ނަމަވެސް ހަމަޖެހޭ އުސޫލްތަކުގެ ތެރެއިން ކުރިއަށް ދިއުމަކީ ރަނގަޅުކަމެއްކަމަށް ދެކެން". އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވި
ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރެއް ނޯންނާނެގޮތަށް އިޞްލާހު ގެނައުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.