ޚަބަރު

6 ދުވަސް ތެރޭ ނެޓްބޯޅަ ކޯޓުގެ ލައިޓިންގ ރަނގަޅުކޮށްދީފި


ގައުމީ ސީނިއާ ނެޓްބޯޅަ ޓީމާއި، ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ބައްދަލުކުރެއްވިތާ ހަދުވަހުގެ ތެރޭގައި، ޤައުމީ ޓީމު ފަރިތަކުރުންތަކަށް ބޭނުންކުރަމުން އަންނަ ކޯޓުގައި މިނިސްޓްރީއިން ލައިޓިން ސިސްޓަމް ހަރުކޮށްދީފިއެވެ.

2017 ވަނަ އަހަރުން ފެށިގެން ސީނިއާ ގައުމީ ނެޓްބޯޅަ ޓީމު ފަރިތަކުރަމުން އަންނަނީ އެންމެ ކޯޓެއްގައެވެ. އަދި އެތަނުގައި ރަނގަޅު ލައިޓިން ސިސްޓަމެއް ނެތުމުގެ ސަބަބުން ގައުމީ ޓީމުގެ ކުޅުންތެރިން އަންނަނީ ގިނަ ދަތިތަކަކާއި ކުރިމަތިލަމުންނެވެ.

އެގޮތުން ޕީއެސްއެމް ސްޕޯޓްސް އަށް މައުލޫމާތު ދެމުން ގައިމީ ނެޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން ލޫނާ ބުނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ގައުމީ ޓީމުގެ ކަންތައްތައް ހުރީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި، ޙާއްސަކޮށް އެސޯސިއޭޝަންގެ ހާލަތު މިވަގުތު އޮތް ގޮތުން، ގައުމީ ޓީމަށް ދިމާވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެން ގޮސްފައި ނުވާކަމަށެވެ.

މިމަހުގެ ވިހިވަނަ ދުވަހު ކުޅިވަރު މިނިސްޓަރ، މަހުލޫފް އާއި ބައްދަލުކުރަން ލިބުނު ފުރުސަތުގައި މި ހުރިހާ ޝަކުވާތަކެއް އުފުލާފައި ވާނެ ކަމަށާއި، މިނިސްޓަރުގެ ފަރާތުން ވަރަށް ހިތްހަމަ ޖެހޭފަދަ ޖަވާބުތަކެއްވެސް ލިބުނު ކަމަށް ލޫނާ ބުންޏެވެ.

މި ބައްދަލުވުމަށް އަލިއަޅުވާލައި ލޫނާ ބުނީ، ގައުމީ ޓީމުގެ ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމުގައި ހުރި އުނދަގޫތަށް ހިއްސާ ކުރެވުނު ކަމަށާއި، އޭގެފަހުން ހަފްތާއެއްވެސް ނުވަނީސް ލައިޓިން ސިސްޓަމް ރަނގަޅުކޮށްދިނުމުން ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް އުފަލުން ކަމަށެވެ.

ޓީމަށް ރަނގަޅު ކޯޗެއް ހޯދުމުގެ މަޝްވަރާތަށްވެސް ކުރެވުނު ކަމަށާއި، އެސޯސިއޭޝަން ހަމައަކަށް އެޅުނުހާ އަވަހަކަށް އެކަމުގެ މަސައްކަތްތަށް ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވި ކަންވެސް ލޫނާ ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ މިނިޝްޓަރ މަހުލޫފަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.