ވިޔަފާރި

އިންޑިއާ ކަނޑުގެ "ބެސްޓް" ރިސޯޓްގެ އެވޯޑް ވޮށްމުލިން ހޯދައިފި


އަލްޓްރާޒް އެވޯޑުގެ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ރިސޯޓަކަށް، ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ހޮވިއްޖެއެވެ.

އަލްޓްރާޒް ކަލެކްޝަނުން ދޭ އަލްޓްރާޒް އެވޯޑަކީ، އިނގިރޭސިވިލާތާއި މެދުއިރުމަތީގެ މާކެޓަށް ހާއްސަ އަލްޓްރާ ޓްރެވަލް މަޖައްލާ އާއި އަލްޓްރާ އޮންލައިންގެ ޕާޓްނަރުންކަމަށްވާ ޑެއިލީ ޓެލެގްރާފް، ދަ ނެޝަނަލް އަދި އަލް އިއްތިހާދު ނޫހުގެ ކިޔުންތެރިންގެ މެދުގައި ނެގޭ ވޯޓަކުންދޭ އެވޯޑެކެވެ.

މިއަހަރު އަލްޓިމޭޓް ލަގްޒަރީ ޓްރެވަލް ރިލޭޓަޑް އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ދުބާއީގެ ބުރްޖް އަލް ޢަރަބްގައެވެ. އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ރިސޯޓަކަށް ވޮށްމުލި ރިސޯޓް ހޮވިފައިވަނީ ދުނިޔޭގެ މަޝްހޫރު ގިނަ ރިސޯޓުތަކަކާއި ހޮޓާތަކަކާއި ވާދަކޮށްގެނެވެ.

ވޮށްމުލި ރިޒޯޓުގެ ޖެނެރަލް މެނޭޖަރ އެލެގްޒެންޑާރ ބްލެއަރ ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކޮށްލެވޭ އަލްޓްރާޒް އެވޯޑް ވޮށްމުލި ރިސޯޓަށް ލިބުނީ ރިސޯޓުގެ މެނޭޖްމަންޓާއި ހުރިހާ ސްޓާފުންގެ ވަރަށް ބުރަ މަސައްކަތްތަކުންކަމަށެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހުޅުވި ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓުގައި ބީޗް ވިލާއާއި މޫދު ވިލާ ހިމެނޭގޮތަށް 77 ވިލާ ހުރެއެވެ.