ޚަބަރު

އިސްރަށްވެހިންގެ އެލަވަންސް ކުޑަކުރަން ނިންމާފައެއް ނުވޭ - ޕެންޝަން އޮފީސް


އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން މިހާރު ދެމުންދާ ޢިނާޔަތަށް ބަދަލު ގެނައުމަށް ސަރުކާރުން އަންގަވާފައި ނުވާކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިހެން ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ދެމުންދިޔަ 5000 ރުފިޔާގެ ބަދަލުގައި އަންނަ މަހުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް ލިބެމުންދާނީ، ޕެންޝަން ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދު ކަމަށްވާ 2300 ރުފިޔާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އަސާސީ ޕެންޝަން ޙައްޤުވާ އުމުރަކީ މީލާދީ ގޮތުން 65 އަހަރެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ވައުދު ފުއްދުމަށްޓަކައި 65 އަހަރުން މަތީގެ މީހުންނަށް 5000 ރުފިޔާ ދެމުންދިޔައީ، އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަނާބެހޭ ޤާނޫނުގައި ލާޒިމްކުރާ ޢަދަދު މިނިސްޓްރީން މުޠާލިއާ ކުރުމަށްފަހު ދެމުންއައި 2300 ރުފިޔާގެ އިތުރަށް 2700 ރުފިޔާ ހިމަނައިގެންނެވެ. ޕެންޝަނާބެހޭ ޤާނޫނު 2009 ވަނަ އަހަރު ވުޖޫދަށް އައިއިރު، އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަންގެ ގޮތުގައި ދޭން ނިންމާފައިވަނީ 2000 ރުފިޔާއެވެ. ނަމަވެސް އިންފްލޭޝަނަށް އަންނަ ބަދަލުތަކާއެކު، އެ ޢަދަދު ކޮންމެ އަހަރަކު އެއްފަހަރު މުޠާލިއާ ކުރަންޖެހެއެވެ.

65 އަހަރުން މަތީ މީހުންނަށް ސީނިއަރ ސިޓިޒަން އެލަވަންސް ދިނުމަށް 566 މިލިއަން ރުފިޔާ 2019 ވަނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެއެވެ.