ޚަބަރު

އިންތިޚާބާއި ދިމާކޮށް އެޗްޑީސީން އެއް ފަހަރާ އެތައް ޕްރޮޖެކްޓެއް ހިންގި - އޮޓިޑަރ ޖެނެރަލް


ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމަން މަސައްކަތް ކުރި ކަމަށާއި އެކަމުގެ ސަބަބުން އެކުންފުންޏަށް އެތައް ގެއްލުންތަކެއް ލިބިގެންދިޔަ ކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުގެ އެކްސްޓަރނަލް އޮޑިޓެއް ހެދުމާއި ގުޅޭގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ވަނީ އެ އޮފީހުން މިހާރު ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތް ކަމަށްވާ އެޗްޑީސީގެ ޚާއްސަ އޮޑިޓާއި ގުޅޭގޮތުން އޮޑިޓު އޮފީހަށް އެއްކުރެވިފައި ހުރި ބައެއް މުހިއްމު ނުކުތާތައް މާލިއްޔަތު ކޮމެޓީގެ މެންބަރުންނާއި ޙިއްޞާ ކުރައްވާފައެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ތަރައްޤީ ކުރަމުންދިޔަ "ހިޔާ މަޝްރޫޢު"އަށް ހޭދަ ކުރަމުންދިޔައީ ބޭންކް ފައިނޭންސް ހަމަނުޖެހެނީސް އެ ކުންފުނީގެ ކޭޝް ފްލޯއިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބްރިޖާއި ގުޅިގެން އައި ލިންކް ރޯޑަށްވެސް އެޗްޑީސީން ޚަރަދުކުރި ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތަށްވެސް އެޗްޑީސީން އަމިއްލައަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

"ހަތްހާސް ހައުސިންގ ޔުނިޓު އެ ލޯން ސްޓާރޓްވެގެން ލޯން ހޯދައިގެން 300 މިލިއަން ޑޮލަރުގެ ލޯނުން މަސައްކަތް ފަށާފައި އެތަން އަދި ނުދެވެނީސް އޭގެ ލޯން ރީޕޭމަންޓުވެސް ސްޓާރޓުކުރި. އެހެންވީމަ މިއީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު މާލީ ނިކަމެތި ކަމެއް. ދެން ސުވާލަކީ އެ ކުންފުންޏަށް، އެ މެނޭޖުމަންޓަށް އެތަން ނުފެނޭތޯ. މި ފައިސާގެ ޑިފިކަލްޓީ އަންނާނެތޯ ނުވަތަ ނާންނާނެތޯ މިތަން އެބޭފުޅުންނަށް ނުފެންނަނީ ކީއްވެގެންތޯ،" އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އެޗްޑީސީގެ ޗެއަރމަނެއްގެ ގޮތުގައި ކުރިން ހުންނެވި އޮޑިޓަރ ޖެނެރަލް ވިދާޅުވީ އެޗްޑީސީ އަކީ މީގެކުރިން ދަޢުލަތަށް އެންމެ ގިނަ ޢާމްދަނީ ވައްދަމުން ދިޔަ އެއް ކުންފުނި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެޗްޑީސީގެ ކޭޝް ފްލޯ ދަށްވަމުންދާ މަންޒަރު އެތަނުގެ ބޯޑު މެންބަރުންނަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެކަމާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯ އޮޑިޓަރ ޖެނެރަލް ޒިޔަތު ވަނީ ސުވާލު އުފައްދަވާފައެވެ.

"ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އަނެއްކާ އެ ދަނޑިވަޅާއި ދިމާކޮށްފައި މި ކަންކަން ރަނގަޅުކުރަން ބިން ވިއްކަން ފެށިތަން. މި ނިންމުން މި ނިންމީ ކިހިނެއްތޯ. އެޗްޑީސީއަކީ ހަމަ ދަޢުލަތުގެ ސަތޭކަ ޕަސެންޓް ޙިއްޞާވާ ކުންފުންޏެއް. އެ ނިންމާ ނިންމުމުގައި ހުރި ރޭޓު، އެއީ އެޗްޑީސީއަށް އެންމެ ފައިދާހުރި ގޮތްތޯ. އަޅުގަނޑުމެން އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ހަދަން ޖެހުނީ ކުންފުނީގެ މުވައްޒަފުން ހުށަހެޅި ކަރުދާހެއްގެ ސަބަބުން. އެ ކަރުދާހަކީ ކުންފުނީގެ ބޯޑަށްވެސް ހުށަހެޅި ކަރުދާހެއް،" ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ބިން ވިއްކުމަށް އެޗްޑީސީން ނިންމިއިރު އެއީ، އެ ކުންފުނީގެ މާސްޓަރ ޕްލޭންގައިވެސް އޮތް ގޮތެއް ނޫން ކަމަށެވެ. ބިން ވިއްކުމަށް އެޗްޑީސީން ނިންމީ ކޭޝްފްލޯ ހަމަޖެއްސުމަށް ކަމަށް ބުނެފައިވާއިރު އެކަން އެގޮތަށް ކޮށްގެން އެއްވެސް ޙައްލެއް ނާންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިއަސް ސަރުކާރުން ހަމަ ހުރެފައި ނިންމާ ކޮންމެ ނިންމުމަކަށް ކުންފުނިތައް ބޯލަނބަން ނުޖެހޭނެ ކަމަށެވެ. ކުންފުންޏަކުން އެފަދަ ކަންކަމުގައި ގޮތެއް ނިންމަންވާނީ ކުންފުންޏަށް ފައިދާވާ މިންވަރު ނުވަތަ ގެއްލުންވާ މިންވަރު ބެލުމަށްފަހު ކަމަށް އޮޑިޓަރ ޖެނެރަލް ޒިޔަތުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.