ޚަބަރު

މެންބަރުން ފެއަށްޖެހި، ޕީޕީއެމްގެ ފަނޑުވަނީ!؟


ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދިވެހިން މިހާތަނަށް ދެކެފައި ނުވާ މަންޒަރުތައް މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ފެނިފައިވެއެވެ. 2014ވަނަ އަހަރު އޮތް ރައްޔިތުން މަޖިލިސް އިންތިޚާބަށް އޭރު ޕާޓީތަކުން ނިކުތްއިރު ގިނަ ޕާޓީތައް ނިކުތީ އޭރު އޮތް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރާއި ބައިތު ހިފައި، "ކޯލިޝަނެއްގެ" ތެރެއިންނެވެ. އިންތިޚާބު ނިމުނި މަޖިލިސް ފެށިގެން އައީ ސަރުކާރަށް ސުޕަރ މެޖޯރިޓީއާއި އެކުއެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއްނުވެ ކޯލިޝަން ޕާޓީތަކުގެ ތެރޭގައި ހިމެނުނު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އޭރު ސަރުކާރު ހިންގަމުން ދިޔަ މައިޕާޓީ ޕީޕީއެމްއާ ފެއަށް ޖެހުނެވެ. އަދި މަޖިލިސް ތެރޭގައި ވެސް މުޅިން ވަކިން މަސައްކަތް ކުރަން ފެށިއެވެ.

އަބަދުވެސް ރައްޔިތުން މަޖިލިސް މެންބަރުން ސިފަވެފައި ވަނީ ބާރު އޮންނަ ޕާޓީއަކާއި ދިމާލަށް ދަތުރުކުރާ މެންބަރުންތަކެއްގެ ގޮތުގައެވެ. 18ވަނަ ރައްޔިތުން މަޖިލިސް ތެރެއިންވެސް ދިވެހިންނަށް ފެނިގެން ދިޔައީ ފެން އޮތް ތަނަކަށް މަސް ދާ އުޞޫލުން އެކި ޕާޓީތަކުގެ މެންބަރުން "ފުލުފުލުގައި" އޭރު ސަރުކާރު ހިންގަމުން ދިޔަ މައިޕާޓީ ޕީޕީއެމްއާ ގުޅެމުންދިޔަ މަންޒަރެވެ. އެއާއެކު ދިވެހިރާއްޖޭގެ މިފަހުގެ ބަރުލަމާނީ ޙަޔާތުގެ ތާރީޚުގެ ތެރެއަށް ޕީޕީއެމް ވަދެގެން ދިޔައެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީޕީއެމްއިން ހޯދިއެވެ.

ސަރުކާރެއް ފަސޭހަކަމާއި އެކު ހިންގުމަށް ރައްޔިތުންގެ މަޖިލީހަކީ މުހިއްމު ތަނަކަށް އަބަދުވެސް އޮތީ ވެފައެވެ. އެކަމާ އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވެއެވެ. "ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ދެވޭނީ ވެރިކަން ކުރަން ތިބޭ ފަރާތަށް މަޖިލިސް ލިބިގެން،"ނެވެ. އެކަމުގެ ފޮނި މީރުކަން ހޯއްދެވި ވެރިއަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެވަޑައިގަންނަވާނެއެވެ.

ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިންބައި އަގުލަބިއްޔަތު ލިބިގެންނެވެ. 2008ވަނަ އަހަރު ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވި ފަހުން ޤާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިޞްލާޙުވެސް ގެނައީ 18ވަނަ މަޖިލީހުންނެވެ. ޕީޕީއެމްގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް ކުރިމަތިލެވޭ ޢުމުރު ބަދަލު ކުރުމަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިޞްލާހު ފާސްވެގެން ދިޔައީ ޕީޕީއެމްގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެނެވެ.

ނަމަވެސް މިއަދު މިއީ އޭގެ ފަސް އަހަރު ފަހެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އެނބުރެމުން ދަނީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިބްރާޙީމް މުޙައްމަދު ޞާލިޙު ޙުވާ ކުރެއްވުމަށްފަހު ވެސް އެތައް މެންބަރުންތަކެއް ޕީޕީއެމްއިން ވަކިވެއްޖެއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިސް އެތައް މެންބަރުންނެއް ރައީސް ޔާމީން ދޫކުރައްވާ ޕީޕީއެމް ދޫކުރައްވައިފިއެވެ. ކީހާ ޅެން ފަރިއްސަށްވާން 24 ގަޑިއިރު ނުނެގިއެވެ. ރައީސް ޔާމީނަށް ކީހާ ސަނާއެއް ހަނދާން ނެތުން ކަހަލައެވެ. އެހެން އެކަންވާން މެދުވެރި ވަނީ ކީއްވެހެއްޔެވެ؟ އިޚްލާސްތެރިކަން ނެތީހެއްޔެވެ.؟ މިއަދު ފެންނަމުން ދަނީ ސުޕަރ މެޖޯރިޓީ އޮތް ޕީޕީއެމްގެ އަތުން މެޖޯރިޓީ ގެއްލި މަޖިލީހުގެ މައިނޯރިޓީއަށް ވެއްޓިގެންދާ މަންޒަރެވެ.

" މެންބަރުންގެ މައިގަނޑު ވިސްނުމަކަށް އޮންނަނީ އަނެއް ދައުރު. އެކަމަކުވެސް ކޮންމެ ކަމެއްގައިވެސް ހަމަތަކެއް ހުންނާނެ. އެކަމު މި ފެންނަނީ އެހެން މަންޒަރެއް ދެއްތޯ. ބާރު ގެއްލުނީމަ ދަނީ އިޚްލާސްތެރިކަން ނެތް މީހުން،" ޕީޕީއެމްއިން މެންބަރުންތައް ކެނޑެމުންދާ މައްސަލާގައި ފުރަތަމަ ފަހަރަށް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

މެންބަރުން ޕީޕީއެމްއިން ވަކިވަނީ ކީއްވެ؟

މެންބަރުންތައް ޕީޕީއެމްއިން ވަކިވާންޖެހޭ ސަބަބުތަކެއް އޮންނަންވެސް ވާނެއެވެ. ފަހަރުގައި ނިހާން ވިދާޅުވި ފަދައިން ދެވަނަ ދައުރަކަށް އެބޭފުޅުން ޓިކެޓު ޔަޤީން ކުރައްވަނީއެވެ. ނުވަތަ އެ މެންބަރުން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕުން ދެކޮޅު ހަދަނީއެވެ. އެހެންކަމުން ޔަޤީނުންވެސް ޚަރަދު ކުރާނެ ދިމާލަކަށް އަވަހަށް މިސްރާބު ޖަހަނީއެވެ. އެކަމުގެ ސަބަބުން ބައެއް މެންބަރުން "ނެގި ގާގަނޑަށް ބޮލިވެސް އަރުވަނީއެވެ".

ނަން ހާމަ ކުރަން ބޭނުންނުވާ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ އިސް މެންބަރަކު ވިދާޅުވީ ޕީޕީއެމްއިން މެންބަރުން ވަކިވެ އެހެން ޕާޓީތަކާއި ގުޅެމުން ދަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބަށް ޕާޓީން ޚަރަދު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ޔަޤީން ނުވާތީއެވެ. މިހާރު ޕާޓީގައި ތިބި މެންބަރުންގެ ތެރެއިންވެސް އިތުރު މެންބަރުން މި މައްސަލާގައި ޕާޓީން ވަކިވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެންމެ ބޮޑު މައްސަލައަކީ ރިޔާސީ އިންތިޚާބަށްފަހު ޕާޓީ ޕެރެލައިޒްވުން. އެއްވެސް ވަރަކަށް ޕާޓީ އެކްޓިވޭޓެއް ނޫން. ލީޑަރުން ތިބީ ނިދާފައި. ޕާޓީ ހިންގާނެ ބަޔަކު ނެތިފައި. އިސް މަޤާމުތަކެއް ކޮންގްރެސްގައި ދިނުމުންވެސް އަދި ހަމަ އެއްވެސް މަސައްކަތެއް ނުކުރެވޭ. އަނެއްކޮޅުން މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންވޭ. އެ މެންބަރުންނަށް ފައިސާ އެބަ ބޭނުންވޭ. އެކަން ޕާޓީގެ ތެރެއިން ހަމަޖެހޭނެކަން ޔަޤީނެއް ނޫން،" އެ މެންބަރު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މޫސާ މަނިކު ވިދާޅުވީ ރިޔާސީ އިންތިޚާބުން ޕީޕީއެމް ބަލިވުމާއި އެކު ޕީޕީއެމްގެ ލީޑަރޝިޕު ނުފެންނާތީ މަޖިލިސް މެންބަރުންތައް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގައި ތިއްބެވުމަށްފަހު ބައެއް މެންބަރުން އެޕާޓީއާ މުޅިން ފެއަށް ޖެހިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. މިއަދު އެ މެންބަރުން ރައީސް ޔާމީންގެ ސަރުކާރު ރަނގަޅުކޮށް ދެއްކެވި ވާހަކަތަކަކީ ޚިޔާލީ ފޮލާތަކަކަށް ވަނީ ވެފައެވެ. އެކަން ދޭހަވެގެން ދަނީ އެ މެންބަރުން ސިޔާސީ ޕާޓީތަކަށް ސޮއިކުރެއްވުމަށްފަހު ދައްކާ ވާހަކަފުޅުތަކުންނެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި އޭރު ޕީޕީއެމްއާ ގުޅިވަޑައިގަތީ "އިތުރު ގޮތެއް ނެތިގެންނެވެ". ބައެއް މެންބަރުން ވިދާޅުވަނީ ދާއިރާތަކުގެ މަޝްރޫޢުތައް ހިފަހައްޓާފައި އޮތުމުން ރައްޔިތުންގެ ހައްޤުގައި ޕީޕީއެމާ ގުޅިވަޑައިގަތީ ކަމަށެވެ.

މިކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިޙާން ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން އެއްވެސް މެންބަރެއްގެ ދާއިރާއަށް ދާން އޮންނަ މަޝްރޫޢުއެއް ރައީސް ޔާމީން ހިފަހައްޓާފައެއް ނުވާނެއެވެ. އެކަން ރައީސް ޔާމީންގެ ފަސް އަހަރުން ރަނގަޅަށް ދޭހަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"މީގެން މި ދޭހަވަނީ ދެވަނަ ދައުރެއް ބޭނުންވާކަން. ޕްރޮޖެކްޓްތައް ނުހިފައްޓާކަން ރައީސް ޔާމީން ދައްކުވައިފި. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު ރާއްޖޭގެ ކޮން ހިސާބަކަށްތޯ ވަކި ތަރައްޤީ ނާންނަނީ. ބައްލަވާ ތިނަދޫ. ކޮން ކަމެއްތޯ ނުވަނީ. ނިމިދިޔަ ރައީސް ޔާމީންގެ ދައުރުގައި މެންބަރުން ތިއްބަސް ނެތަސް ކަންތައްތައް ކޮށްދީފައި ހުންނާނީ. އެހެނެއް ނޫން. މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިބުމުން ފަސޭހަވާނެ މަޝްރޫޢުތައް ކުރިއަށް ގެންދަން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ "އޭރު ރަނގަޅުވި ކަމެއް މިއަދުވެސް ހަމަ ރަނގަޅުވާނެ" ކަމަށެވެ. ނަމަވެސް މިއަދު މެންބަރުން ސިޔާސީ އެހެން ޕާޓީތަކާއި ގުޅިވަޑައިގަތުމުން ދޭހަވަނީ "އިޚްލާސްތެރިކަން ނެތުން" ކަމަށް ނިހާން ވިދާޅުވިއެވެ.

ބައެއް ބޭފުޅުން މިއަދު ޕީޕީއެމް ސިފަ ކުރަނީ "ކޮށި ދަނޑު ގެއްލި، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލުނު" ފަދަ މިސާލަކުންނެވެ. އެހެން ނުބުނެވޭންވީ ސަބަބެއްވެސް ނެތެވެ. ވޭތުވެދިޔަ ފަސް އަހަރު ބާރުގަދަ އަޑުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރާއްޖޭގައި އޮތް ޕާޓީއަކަށް ވެފައިވަނީ ޕީޕީއެމްއެވެ. މަޖިލިސް ތެރެއިން ކަމެއް ކުރަން ބޭނުންނަމަ އެކަން ނުވެއެއް ނުދެއެވެ. ޤާނޫނަކަށް އިސްލާހެއް ގެނައުމަށް 24 ގަޑިއިރުވެސް ނުނަގައެވެ. މެންބަރުންގެ ބާރުގަދަކަން މަޖިލިސް ތެރެއިންނާއި ބޭރުން ދިޔައީ ދައްކަމުންނެވެ.

ދެން އޮތީ ޕާޓީ މިގޮތަށް ބަދަލު ކުރަމުންދާ މެންބަރުންނެވެ. މިފަދަ މެންބަރުންނާއި މެދު ގޮތެއް ނިންމާނީ އެ މެންބަރުން ތަމުސީލު ކުރައްވާ ދާއިރާތަކުގެ ރައްޔިތުންނެވެ. ނަމަވެސް މިފަދަ މެންބަރުންނަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ބަސްފުޅެއް އެބައޮތެވެ.

"ބޯވައަކީ އެ އިންނަ ގަލެއްގައި އިންނަ ކުލައެއް ހުންނަ ކުލައެއް މި ބޯވައިގައި. އެވަގުތެއްގައި ޖެހިގެން އިނީމަ. ދެން އަޅުގަނޑުމެން ކުޑައިރު ހޯނުވެސް ފެންނާނެ ގަހަށް އަރާއިރުގައި މުށި ކުލައެއްގައި އެތެރޭގެ ހޮޅިބުރި އަލީގައި ވަރަށް ރީތި ދޮން ކުލައެއްގައި ހޯނު އިންނާނީ. އެއީއެއް ކުލަ ބަދަލުވުން، މި ބާވަތަށް އިނގިރޭސި ބަހުން އެބަ ބޭނުން ކުރޭ ފުން މާނައެއް އޮންނަ ބަހެއް. ކެމިލިއަން. އަޅުގަނޑު އުއްމީދު ކުރަން އެއީ ސިޔާސީ ޙިކުމަތް ކަމަށް އެއްވެސް ބޭފުޅަކު ޤަބޫލު ނުކުރައްވާނެ ކަމަށް،" ރައީސް ނަޝދު ވިދާޅުވިއެވެ.