ޚަބަރު

މެންބަރު އަމީތާއި އަބުޅޯ ޖޭޕީއަށް ސޮއިކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ މުޙައްމަދު އަމީތާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަޙުމަދު ޖުމްހޫރީ ޕާޓީ، ޖޭޕީއާ ގުޅިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު، ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުން ސޮއިކުރެއްވިއިރު މި ދެ ބޭފުޅުންގެ ފޯމާއި ޙަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެ މެމްބަރަކު އެޕާޓީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބިގެންދިޔަ ބޮޑު އުފަލަކާއި އެހާމެ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ގާސިމް ވިދާޅުވީ އެ ދެ މެމްބަރުން ޖޭޕީއާ ގުޅިވަޑައިގަތުމުން މަޖިލިސް މެމްބަރުންގެ މެދުގައި ޖުމްހޫރީ ޕާޓީއާ މެދު އޮތް ޔަޤީންކަމާއި އިތުބާރު ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި ޤައުމު އިސްލާހް ކުރަން ކުރެވުނު މަސައްކަތުގައި އެ ދެ މެމްބަރުންގެ އަދާކުރެއްވި ދައުރު މުހިންމުކަން ގާސިމް ފާހަގަކުރެއްވިއެވެ.

މިހަފްލާގައި ވާހަކަފުޅުން ދައްކަވަމުން ޖޭޕީއާ ގުޅިވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވީ، އިދިކޮޅު ޕީޕީއެމް މެމްބަރެއްގެ ގޮތުގައިވެސް ކުރެއްވީ އިސްލާހީ މަސައްކަތްތަކެއް ކަމަށާއި، ހަމައެފަދައިން ޖޭޕީއާ ގުޅިވަޑައިގެންނެވީވެސް އެ މަސައްކަތުގައި ދެމިހުންނެވުމަށް ކަމަށެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހްމަދު ވިދާޅުވީ ޖޭޕީ ދޫކުރައްވާ ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ވާތީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ. އޭރު ބޭނުންފުޅުވި ކަންކަން ހާސިލްކުރެއްވުމާއެކު ދެވަނަ ފަހަރަށް ޖޭޕީއާ ގުޅިވަޑައިގެންނެވީ ވެސް މިވަގުތަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އެއީކަމުގައި ގަބޫލް ކުރައްވާތީ ކަމަށް ޢަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސޮއި ކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރުވަނީ 16 އަށް އަރާފައެވެ.