ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ، އެން.ސީ.އައި.ޓީ ފަދަ އިދާރާއެއް ބޭނުންނުކޮށް ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީއެއް ނުގެނެވޭނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ، ވޭތުވެ ދިޔަ ސަރުކާރުގައި އެން.ސީ.އައި.ޓީ ވެގެންގޮސްފައިވަނީ އެ އިދާރާގެ މެންޑޭޓް އެކި މިނިސްޓްރީތަކުން ބަލަހައްޓާ އިދާރާއަކަށްކަމަށެވެ. އެކަމުގެ ސަބަބުން އެ އިދާރާއަށް މާބޮޑު އަޅާލުމެއް ނުލިބި، ރާއްޖެއަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމަށް މިދިޔަ ސަރުކާރު ނުކުޅެދިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކުރީގެ ސަރުކާރަކީ އިޤްތިޞާދީގޮތުން ރާއްޖެއަށް ތަރައްޤީތަކެއް ގެނެސްފައިވާ ސަރުކާރެއް ކަމަށް ބުނި ނަމަވެސް ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމަށް އެންމެ ބޭނުންވާ ތަރައްޤީ ގެނެވިފައިނުވާކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް މިދިޔަ ސަރުކަރުގައި އެތަށް ބައިވަރު އިޤްތިޞާދީ ތަރައްޤީތަކެއް ގެނައިކަމަށް ބުނަމުންދާއިރު ވިސްނާލަންޖެހޭ އަޅުގަނޑުމެން މިއަދުވެސް ޓެކްނޮލޮޖީގެ ދާއިރާގައި މިތިބީ ވަރަށްވެސް ފަހަތުގައި" މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީގެ އެންމެ ބޮޑު އެއް މަސައްކަތަކީ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތްކުރަން ފަޞޭހަ މާހައުލެއް ޤާއިމްކުރުންކަމަށެވެ.
"އަޅުގަނޑުމުން މިއަދު ވާނީ ރާއްޖޭގެ ޒުވާން ޓެކް ކޮމިއުނިޓީއާއި ބައްލުކޮށްފައި. އެގޮތުން އެ ކޮމިއުނިޓީގެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސައްކަތްކުރާނެ ތަނެއްނެތުން. ދިހަހާސް ފަނަރަހާސް ރުފިޔާ ކުއްޔަށް ދައްކައިގެން އެކުދިންނަށް މި މަސައްކަތް ކުރުމަކީ ދަތިތަކެއް ކުރިމަތިވޭ. އެކަން ޙައްލުކުރުމަށް ގިނަ ޕްލޭންތަކެއް އަޅުގަނޑުމެންގެ އެބަހުރި." މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީހް ވިދާޅުވީ މިދިޔަ ސަރުކާރުތަކާއި ޚިލާފަށް މި ސަރުކާރަކީ ދެފުށް ފެންނަ، އާންމުނަށް މަޢުލޫމާތު ޙިއްސާކުރާނެ ސަރުކާރެއްކަމަށެވެ. އެގޮތުން މި ސަރުކާރުގެ އީ-ގަވަމެންޓް މާސްޓަރ ޕްލޭންގެ ދަށުން އޯޕަން ޑޭޓާ ނިޒާމެއް އަވަސް މުސްތަޤުބަލެއްގައި ޤާއިމުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.