ޚަބަރު

ރައްޔިތުންގެ ސިއްޚީ މަޢުލޫމާތު ހިމެނޭ "ހެލްތް ރެކޯޑެއް" ޤާއިމްކުރަނީ


ރައްޔިތުންގެ ސިއްޚީ މަޢުލޫމާތު އެއް ތަނަކުން ލިބޭނެ ގޮތަށް "ހެލްތް ރިކޯޑެއް" އެކުލަވާލާނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްލު ހޯދަން ޖެހިފައިވާ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނަކަމަށެވެ. އެގޮތުން މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި މިނިސްޓްރީތަކާއި މަޝްވަރާކޮށްގެން ދިމާވެފައި ހުރި މައްސަލަތަކައް ހައްލު ގެނައުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ހެލްތް މިނިސްޓްރީއާއި ގުޅިގެން ރާއްޖޭގެ ސިއްޚީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޢުލޫމާތު ހިމެނޭ "ހެލްތް ރިކޯޑެއް" ޤާއިމްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެއްކަމެއްގެ ގޮތުން ހެލްތް މިނިސްތްރީއާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން ރާއްޖޭގެ ރައްޔޮތުންގެ ހެލްތް ރިކޯޑް ޤާއިމްކުރަން. މިހާރު ވާގޮތަކި ހޮސްޕިޓަލަށް ދިޔާމަ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް އެހާ އެކަށޭނަ ގޮތެއްގައި ނެތް. އޭގެ މާނައަކީ އައިޖީއެމްއެޗުން ޚިދުމަތެއް ހޯދުމަށްފަހު އޭޑީކޭއަށް ދިޔައިމަ އެ ޑޮކްޓަރަށް އެ ރައްޔިތެއްގެ ބޭނުންވާ މަޢުލޫމާތެއް ފެންނަ ނިޒާމެކޭ އަޅުގަނޑުމެން މި ޤާއިމްކުރަނީ އަދި ޕްރައިވެޓް އެހެން ހޮސްޕިޓަލްތަކަށްވެސް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަލީހް ވިދާޅުވީ ހުޅުމާލޭގެ ހޮސްޕިޓަލްތަކާއި މާލޭގެ ހޮސްޕިޓަލްތައް ގުޅާލުމަށްޓަކައި ސްޓެލްކޯއިން ސިނަމާލޭ ބްރިޖްގައި އަޅާ ކަރަންޓް ކޭބަލްއާއި އެކު މިނިސްޓްރީން އިތުރު ކޭބަލްއެއް އެޅުމަށްވެސް ނިންމާފައިވާކަމަށެވެ.

"ހުޅުމާލޭގައި ޤާއިމްވެފައިވާ ބައެއް ހޮސްޕީޓަލްތަކާއި އެކު ގުޅުމަށް މިހާރު މިއޮތް ވާރޗުއަލް ނެޓްވޯރކްގެ އިތުރުން ފިޒިކަލް ނޭޓްވޯރކަކަށް ދިއުމަށްޓަކައި ސްޓެލްކޯއިން ހުޅުމާޅެއަށް އަޅާ ކަރަންތް ކޭބަލާއިއެކު އަޅުގަނޑުމެންގެ އިތުރު ކޭބަލެއް އެޅުމުގެ އިންތިޒާމު.. އެ މަޝްވަރާވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ކުރާނަނަން." މިނިސްޓަރ ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ ދައުލަތުގެ އެކި ވުޒާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގެ އެކި ކަންކޮޅުތަކާއި ބްރިޖާއި ހައިވޭގައި ހަރުކުރާ ސީސީޓީވީ ކެމެރާތައް ޤާއިމްކުރުމުގައި އެހީތެރިވެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި ސައިބާރ ކްރައިމް ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.