ޚަބަރު

އައްޑޫއާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ޑިސެމްބަރު 2 ގައި


ދެކުނު އެފްރިކާގެ ޖޮހަނަސްބާރގުން އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަމަހުގެ ދެވަނަ ދުވަހު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ރިމްނާ ޙަސަން ވިދާޅުވީ، ސައުތު އެފްރިކަން އެއާވޭސްގެ ދަތުރުތައް ސައުތު އެފްރިކާގެ ޖޮހަނަސްބާރގާއި އައްޑޫސިޓީއާދެމެދު ސީދާ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިކަން ފާހަގަކުރުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސައުތު އެފްރިކަން އެއާވޭސްއިން އައްޑޫސިޓީއަށްކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ-340 މަރުކާގެ ފްލައިޓްތަކެކެވެ. ދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ ސަރަހައްދުން ކޮންމެ ހަފުތާއަކު 300 ފަތުރުވެރިން އައްޑޫ ސިޓީއަށް އަންނާނެކަމަށް ބެލެވޭކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކުންފުނިން މައުލޫމާތުދެއެވެ. އަދި މި ދަތުރުތަކުގައި 20 ޓަނުގެ ކާގޯ ރާއްޖެ އިމްޕޯޓްކޮށް އެކްސްޕޯޓުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

އައްޑޫސިޓީ ގަމާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު މިހާރުވެސް ސީދާ ދަތުރުތައް ކުރެއެވެ. އެގޮތުން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު އައްޑޫސިޓީން ދުނިޔޭގެ ގިނަ ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުޞަތު މިހާރުވެސްވަނީ ފަހިވެފައެވެ.

އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އީކުއޭޓަރ ވިލެޖާއި، ޝަންގްރިއްލާއާއި، ހެރެތެރެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. މިހާރު އައްޑޫގައި 800 ފަތުރުވެރިންނަށް އެއްފަހަރާ ޚިދުމަތްދެވެއެވެ.