ޚަބަރު

ރައީސް ނަޝީދަށް ގިނަ ލީޑަރުންތަކެއް މަރުޚަބާ ވިދާޅުވެއްޖެ


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، އެމަނިކުފާނަށް ކުރީގެ ރައީސުން މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނު ކުރި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ އެމަނިކުފާނު މައްޗަށް އިއްވި ޖަލު ޙުކުމުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަލުން ބެލުމަށްފަހުއެވެ.

ރައީސް ނަޝީދު މިނިވަންވެ ވަޑައިގަތުމުގެ އުފަލުގައި މަރުހަބާ ވިދާޅުވެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މިނިވަންވުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި އެންމެފަހުން އިންސާފު ޤާއިމްވެއްޖެ ކަމަަށެވެ. އަދި ރައީސް ނަޝީދަށް ފާގަތި ދުވަސްތަކަކަށް ރައީސް މައުމޫން ވަނީ އެދިވަޑައިގަންވަވާފައެވެ.

ރައީސް ނަޝީދު މިނިވަންވެވަޑައިގަތުމުން ރައީސް މަޢުމޫން ކުރެއްވި ޓުވީޓް

ރައީސް ނަޝީދު މިނިވަންވުމާއެކު އެމަނިކުފާނަށް މަރުހަބާ ވިދާޅުވި އަނެއް ރައީސަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުއެވެ. ޑރ. ވަހީދު ވެސް ވަނީ ރައީސް ނަޝީދު މިނިވަންވެވަޑައިގަތުމުން އެކަމާ މަރުޙަބާ ދަންނަވާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިނިވަންވެވަޑައިގަތުމުން ރައީސް ވަޙީދު ކުރެއްވި ޓުވީޓް

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މަދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް ކުރިން ވަނީ ތާއީދުކޮށްފައެވެ. އެހެން ނަމަވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުން މީގެ ކުރިން ނިހާއީ ހުކުމެއް އިއްވާފައެއް ނުވެއެވެ.