ޚަބަރު

އިމިގްރޭޝަން ޑިޕާރޓްމަންޓްގެ އޮފީހެއް ފުވައްމުލަކުގައި ހުޅުވައިފި


ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް
އެމިގްރޭޝަންގެ އޮފީހެއް ފުވައްމުލަކުގައި ހުޅުވާ ޚިދުމަތް ދޭން ފަށައިފިއެވެ. މިއޮފީސް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާރޑް މުޙައްމަދު ނާޒިމެވެ.



އިމިގްރޭޝަންގެ އޮފީސް ހުޅުވުމަށް ފުވައްމުލަކުގައި
ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް
މިނިސްޓަރ ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވީ، ފުވައްމުލަކުގެ
އިމިގްރޭޝަންގެ އޮފީހެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އެރަށު ކައުންސިލާއެކު
މަސައްކަތްތަކެއް ކުރަމުން ގެންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އިމިގްރޭޝަން
އޮފީހުން ދޭ ޕާސްޕޯޓުގެ ޚިދުމަތުގެ އިތުރުން މާލެ އޮފީހުން ދޭ އެހެނިހެން
ޚިދުމަތްތައް ވެސް ފުވައްމުލަކުގައި ޤާއިމްކޮށްފައިވާ އޮފީހުން ލިބިގެންދާނެ
ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އިމިގްރޭޝަންގެ އޮފީސް
ރަށްރަށުގައި ޤާއިމްކޮށް ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ހއ.ދިއްދޫއާއި
ލ.ފޮނަދޫގައި ވަރަށް އަވަހަށް އިމްގްރޭޝަންގެ އޮފީސް ހުޅުވުމަށް މަސައްކަތް ކުރަމުންދާ
ކަމަށެވެ.



މިނިސްޓަރ ވިދާޅުވީ، ފުވައްމުލަކުގައި
ޤާއިމްކޮށްފައިވާ އިމިގްރޭޝަން އޮފީހަށް ޕާސްޕޯޓަށް އެދި ހުށަހަޅާތާ ތިން ދުވަސް
ތެރޭގައި ޕާސްޕޯޓު ލިބޭނެ ކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާޙު ވިދާޅުވީ، އިމިގްރޭޝަންގެ
އޮފީސް ޤާއިމްކުރުމަށް އަތޮޅު ކައުންސިލާ އިމިގްރޭޝަނުން ބޮޑު ހޭދައެއްކޮށްފައިވާ
ކަމަށެވެ. އަދި މިނިސްޓަރ ނާޒިމްގެ އިސްނެންގެވުމުގެ ހަތަރު މަސްދުވަހުގެ ތެރޭގައި
އެރަށުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކޮށްދެއްވީތީ އެކަމާ
ޝުކުރުއަދާކުރައްވާފައެވެ. ފަލާޙު ވިދާޅުވީ، އަލަށް ހުޅުވުނު އޮފީހުން ސަބަބުން
ރަށުގެ ރައްޔިތުންނަށް ޕާސްޕޯޓު ހެދުމާއި ބިދޭސީންނާއި ގުޅޭ ޚިދުމަތް ހޯދުމަށް
މިހާރު ތަހައްމަލު ކުރަންޖެހޭ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް
ޤަބޫލުކުރައްވާ ކަމުގައެވެ.



ފުވައްމުލަކުގައި ހުޅުވުނު އިމިގްރޭޝަންގެ އޮފީހުގެ ޚިދުމަތްތަކާ
ގުޅޭ މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ޙަސަން އަލީ ވިދާޅުވީ، ފުވައްމުލަކުގައި ޤާއިމްކުރެވުނު އޮފީހުން މާލެއެކޭ
އެއްގޮތަށް ޚިދުމަތް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި އީ- ޕާސްޕޯޓް އަދި ނޮން
އިލެކްޓްރޯނިކް ޕާސްޕޯޓް، ޓްރެވެލް ޑޮކިއުމަންޓް، އަދި ޤަވާއިދާ ޚިލާފަށް އުޅޭ
ބިދޭސީންނާ ގުޅުހުން ހުރި މޮނިޓަރިންގެ މަސައްކަތްތައްވެސް ކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ވޯރކް ޕާމިޓްގެ ކަންކަމުގެ ތެރެއިން ފައިސާ ބަލައިގަތުމުގެ
ޚިދުމަތް ނުފަށާ ކަމަށާއި ވަރަށް އަވަހަށް އެޚިދުމަތްވެސް ދޭން ފަށާނެ ކަމަށް
ކޮންޓްރޯލާ ވިދާޅުވިއެވެ.



އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން
ފުވައްމުލަކު ރައްޔިތުން ބުނީ، އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުން ޕާސްޕޯޓް
ހެދުމާއި ބިދޭސީންނާ ގުޅުހުންހުރި ކަން ކަން ކުރުމަށް މާލެއަށް ދާ ދިއުން
ހުއްޓުމަކަށް އައިތީ މިއީ ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.



އިމިގްރޭޝަންގެ އޮފީސް މިހާތަނަށް ހުޅުވާފައިވަނީ
އައްޑޫ އަދި ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކުގައެވެ.