ޚަބަރު

އައު ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން - އިންޑިއާ


ރައީސުލްޖުމްޙުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން އެޤައުމުން ދީފިއެވެ.

މި ޔަގީންކަން ދެއްވާފައިވަނީ ސަރުކާރުގެ ބައެއް ވަޒީރުން އިންޑިއާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖްއާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި ސުޝްމާ ސުވަރާޖް ވަނީ ރާއްޖޭގެ ފޮރިންގ މިނިސްޓަރުކަމާއި އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެން ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންނެވީތީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ދެޤައުމުގެ ދެމެދު އިގްތިސާދީ ތަރައްޤީއާ، މާލީ، އަދި ސަލާމަތާއި ދިފާޢީ ކަންކަމުގައި އެއްބާރުލުންދީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެެވެ.

މިބައްދަލުވުމުގައި ފޮރިންގ މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އިސްކަމެއް ދެއްވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން އިންޑިއާގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ބައިވެރިވެވަޑައިގެން، ދެބޭފުޅުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ރަޙްމަތްތެރިކަމުގެ ގުޅުން އާފެށުމަކުން ފަށައިގަނެވުނު ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.

"ރައީސް ޞާލިޙުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުކުރެއްވުމުންވެސް އެއީ ދެ ޤައުމުގެ ރަޙްމަތްތެރިކަމުގެ ގުޅުން އާފެށުމަކުން ފަށައިގަނެވުނުކަމުގެ އަލިގަދަ ހެއްކެއް،" ޝާހިދު ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ދެދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އާއި މިނިސްޓަރ އޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ފައްޔާޒް އިސްމާޢީލްގެ އިތުރުން ފޮރިންގ މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.