ޚަބަރު

ހޯމް މިނިސްޓަރު ކަރެކްޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި


ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބްދުﷲ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމާއި ޝައިޚް އިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވުމަށްފަހު އެ މުޢައްސަސާގެ އިސްވެރިންނާއިއެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި ކަރެކްޝަނުން ވަނީ އެ މުޢައްސަސާގެ އެކި ދާއިރާތަކާއި ގުޅޭ މަޢުލޫމާތު ހޯމް މިނިސްޓަރާއި ހިއްސާކޮށްފައެވެ. އަދި އެ މުއައްސަސާ މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ހޯމް މިނސްޓަރުގެ މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ކަންކަން ޙަވާލުކޮށްފައިވާ ކަރެކްޝަންގެ އިސްވެރިންނާއި ހޯމް މިނިސްޓަރ މިއަދު ބައްދަލުކުރެއްވިއިރު އެމަނިކުފާނު ވަނީ ޙުކްމް ތަންފީޒުކުރުމަށް ފަހު ޖަލުތަކުން ނުކުންނަ މީހުންނަކީ އިތުރަށް ނުރަނގަޅު ބަޔަކަށް ވެގެންހިގައިދާނެފަދަ ހާލަތަކަށް ރާއްޖޭގެ ޖަލުތަކުގައި ކަންކަން ގޮސްފައިވާކަމަށާއި، އެހެންނުވާނެ ގޮތަށް ޖަލުތަކުގެ ނިޒާމު ރަނގަޅުކުރައްވައި ހަރުދަނާ ކުރައްވާނެކަމަށް މީގެކުރިން ވިދާޅުވެފައެވެ.