ޚަބަރު

ހއ. އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައި


ހއ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ޑަޔަލިސިސް ޔުނިޓުގެ ޚިދުމަތް އަންނަމަހު ފުރަތަމަ ހަފްތާގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެގޮތުން ޑަޔަލިސިސް ޔުނިޓް ހުންނަ ޢިމާރާތުގެ މަސައްކަތް ނިންމާ އެކަމަށް ބޭނުންވާ މެޝިންތައްވެސް އިންސްޓޯލް ކޮށްނިމިފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ޙަވާލުވެހުންނެވި މުޙައްމަދު ރަޝީދު ވިދާޅުވީ އެ ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް 2 ނަރުހަކު މިހާތަނަށް ތަމްރީނުކޮށްފައިވާއިރު، އިތުރު ނަރުހުން ތަމްރީނު ކުރުމަށްޓަކައި އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓުގައި ޙަރަކާތްތެރިވާ ނަރުހަކު 5 ދުވަހުގެ މުއްދަތައް އެ ހޮސްޕިޓަލަށް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓުގައި މަސައްކަތް ކުރަމުންދާ ސީނިޔާރ ނަރުހަކާއެކުގައި ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތްދޭން ފެށުމަކީ އެ ޚިދުމަތް ހޯދުމަށް މާލެއަށާއި ރާއްޖެއިން ބޭރަށް މިހާރު ދަތުރުކުރާ އެ އަތޮޅުގެ މީހުންނަށް ވަރަށް ބޮ ފަސޭހައަކަށް ވާނެއެވެ.

ހއ. އަތޮޅުގެ އެކި ރަށްރަށުން މިހާރުވެސް 22 މީހަކު މާލެއާއި ރާއްޖޭން ބޭރުން ޑަޔަލަސިސްގެ ޚިދުމަތް ހޯދަމުންދާކަމަށް މަޢުލޫމަތު ލިބެއެވެ. ހއ. އަތޮޅު ހޮސްޕިޓަލް ހުންނަ ދިއްދޫއަށް އެކަނި ބަލާލިއަސް ޑައިލިސިސްގެ ޚިދުމަތް ހޯދާ 13 މީހުން މިހާރުވެސް އެބަތިބިކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެެއެވެ. ހއ. އަތޮޅު ހޮސްޕިޓަލަކީ މަލްޓި ސްޕެޝިއަލިޓީ ހޮސްޕިޓަލެކެވެ.