ޚަބަރު

ޒުވާނުން މަސްވެރިކަން ކުރުމަށް ބާރުއަޅާނަން - ޔޫތް މިނިސްޓަރ


ޒުވާނުން މަސްވެރިކަމަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓް އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދޮށީގެ މަސްވެރިކަމާއި، ޒަމާނީ މަސްވެރިކަމަށް ބާރުއަޅައި، ސޯޝަލް މީޑިއާގައި މަސްވެރިންގެ މަސައްކަތްތައް ޕްރޮމޯޓްކުރަމުންދާ މަސްވެރިންގެ ޖަމިއްޔާއެއްކަމަށްވާ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޔޫތް މިނިސްޓަރ އަހްމަދު މަޙްލޫފް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ގިނަ މަސައްކަތް ކުރައްވާނެކަމަށެވެ. މަހުލޫފްވަނީ ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން، ހުރިހާ މަސައްކަތެއް ހުއްޓާލުމަށްފަހު ދާންވީ ގެނަމަފުށީ މަސްވެރިންނާއެކު މަހަށް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ބުނެފައިވަނީ މި ދާއިރާ އިތުރަށް ފުޅާކޮށް، ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކުރުމަށް ޔޫތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ތިބިކަމަށެވެ. އަދި ޔޫތް މިނިސްޓްރީގެ އިތުރުން، ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއެކުވެސް މަސްވެރިކަން ކުރިއެރުވުމާގުޅޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށާއި، މިނިސްޓްރީތަކާ ގުޅިގެން ކުރުމަށް ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއަކީ، މަސްވެރިކަމާއިމެދު ޒުވާނުން ދެކެމުންއައިގޮތް ބަދަލުކޮށް، މިކަމަށް ގިނަ ޒުވާނުންތަކެއް ނެރެމުން އަންނަ ޖަމިއްޔާއެކެވެ. އަދި މަސްވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ޒުވާން ފިރިހެނުންގެ އިތުރުން އަންހެނުުންނަށްވެސް ފަހިކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ. ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ދުވަހުން ދުވަހަށް މަސްކަނޑުތަކުގައި ދިމާވާ އެކި ކަންކަން ޢާންމުންނާ ޙިއްޞާ ކުރަމުންނެވެ. އަދި ޢާންމުންގެ ބޮޑު ތަރުހީބެއް އެޖަމިއްޔާގެ މަސައްކަތްތަކަށް ދަނީ ލިބެމުންނެވެ.