ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު ކުޅޭނެ މަގު ފަހިކުރުމަށް ކޮމިޓީއެއް އުފައްދަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު ހަރާތްތަކުގައި ބައިވެރިވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ ކޮމިޓީއެއް އުފެއްދުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓަށް ހުށަހަޅައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު ޙަރާތްތަކުގައި ބައިވެރިވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް "ނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ" ގެ ނަމުގައި ޚާއްޞަ ކޮމިޓީއެއް ރަޖިސްޓްރީކުރުމަށް ޔޫތް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތައް ގުޅިގެންނެވެ.

ކޮމިޓީ ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށްފަހު އެސޯސިއޭޝަންތަކުން ވަނީ ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމާބެހޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްޞާކުރައްވަމުން، ބްލައިންޑް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު މާޒިން ވިދާޅުވީ މިކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މުޖުތަމަޢުގައި ހަމަހަމަ ފުރުޞާތު ފަހިކޮށްދިނުމަށް ކުރަން ނިންމި މަސައްކަތެއްކަމަށެވެ. އެގޮތުން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅެވޭނެ ކުޅިވަރުތައް ބަލައި، އެކުދިންނަށްވެސް ކުޅިވަރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުދިނުމަށް އެ ކޮމިޓީން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފާއެކު ބޭއްވި ބައްދަލުވުމުގައި، މިފަދަ ކުދިންނަށް ކުޅެވޭނި ކުޅިވަރުތަކަކީ ކޮބައިތޯ ބެލުމާއި، މިކުދިން މިފަދަ މުބާރާތްތަކަށް ޓްރެއިން ކުރެވޭނި ގޮތްކާއި، ކުދިންނަށް ތަމްރީންދޭ ޓްރެއިނަރުން ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް މާޒިން ވިދާޅުވިއެވެ. މިކަމަށް ޔޫތް މިނިސްޓްރީގެ އެއްބާރުލުން ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ އެސޯސިއޭޝަނެއް އުފެއްދުމާ ގުޅިގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ ޕެރަލިމްޕިކް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެގެންދާނެކަމަށާއި، ކޮމިޓީ ރެޖިސްޓްރީވުމާއެކު އަންނަ އަހަރު މަސައްކަތްތައްފަށައި، ޕެރަލިމްޕިކް ކުޅިވަރުތައް ފެށުމަށް އެސޯސިއޭޝަންތަކުންދަނީ މަޝްވަރާކުރަމުންނެވެ.