ޚަބަރު

ޓްވީޓަކުން އެދުމުން ބަގީޗާ ހުޅުވާ ގަޑިތަކަށް މިނިސްޓަރ ބަދަލު ގެންނަވައިފި


ހަމައެކަނި ހަވީރު ހުޅުވަމުންއައި ކުޑަކުދިންގެ ބަގީޗާ ހެނދުނުގެ ވަކި ގަޑިތަކެއްގައިވެސް ހުޅުވާފައި ބަހައްޓާގޮތަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ހަމަޖައްސަވަވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ކުޑަކުދިންގެ ބަގީޗާ ހުޅުވާފައިހުންނަ ގަޑިތަކާ ގުޅޭގޮތުން މީހަކު ޓްވިޓާ މެދުވެރިކޮށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އެކަމަނާ ވިދާޅުވީ ކުރިން ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނަ ގަޑިތަކުގެ އިތުރުން ސްކޫލް ބަންދު ދުވަސްތަކުގައި ހެނދުނުގަޑީގައިވެސް ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނަ ގޮތަށް ހަމަޖައްސަވާފައިވާކަމަށެވެ.

ކުޑަކުދިންގެ ބަގީޗާ މިހާރު ހިންގަމުންދަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. ކުޑަކުދިންގެ ބަގީޗާ ކުރިން ހުޅުވިފައި ހުންނަނީ ކޮންމެ ދުވަހަކު ހަވީރު 4 އިން އިރުއޮށްސި 6:30 އާ ހަމައަށެވެ. މިގަޑިތަކުގެ އިތުރުން ސްކޫލް ބަންދު ދުވަސްތަކުގައި ހެނދުނު 7 އިން 10 އަށް ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ބަހައްޓާގޮތަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ހަމަޖައްސަވާފައެވެ.

މިކަމާމެދު ޚިޔާލުފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ޕާކަކީ ކުޑަކުދިންނަށް ޚާއްޞަ ތަނަކަށްވުމުން އެތަން ވީހާވެސް ގިނަ ވަގުތު ހުޅުވާފައި ބެހެއްޓުން މުހިންމުކަމަށެވެ. އަދި ސްކޫލް ބަންދުނޫން ދުވަސްތަކުގައިވެސް ގިނަ ވަގުތު ޕާކު ހުޅުވާފައި ހުންނަންޖެހޭކަމަށްބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.

ކުޑަކުދިންގެ ބަގީޗާގައި ހުރި ސާމާނު ބާވުމާ ގުޅިގެން އަލުން އެތަން ތަރައްޤީކުރުމަށް މިދިޔަ އަހަރު ޕާކުވަނީ ދިގު މުއްދަތަކަށް ބަންދުވެސް ކޮށްފައެވެ. އިތުރު ކުޅިވަރުތައް ކުޅެވޭގޮތަށް ޕާކު އަލުން ތަރައްޤީކުރުމަށްފަހު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ޕާކު ބަންދުކުރުމަށްފަހު އަލުން ތަރައްޤީކުރިއިރު، އެތަނުގައި ޕާޓިތަކާއި ކުދި އިވެންޓުތައް ބޭއްވޭގޮތަށް ވަކި ސަރަހައްދެއް ވަނީ ހަދަން ފަށާފައެވެ. ނަމަވެސް އަދި މި ސަރަހައްދު އަދި ބޭނުންކުރަން ފަށާފައެއްނުވެއެވެ.

އައު ސަރުކާރުގެ ބައެއް ވަޒީރުން ސޯޝަލް މީޑިއާގައި އެކި މީހުން ފާޅުކުރާ ޚިޔާލުތަކާ ގުޅިގެން ގެންދަނީ ބައެއް ބަދަލުތައް ގެންނަވަމުންނެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ތެރޭގައި ރައީސް ޞާލިޙްގެ ތަރުޖަމާނަކަށް ހުންނެވިއިރު، މާރިޔާ އަޙްމަދު ދީދީ ވިދާޅުވެފައިވަނީ ރައްޔިތުންގެ ޚިޔާލާއި ޝުއޫރުތަކަކީ އައު ސަރުކާރުގެ މައިގަނޑު އަސާސަކަށް ހައްދަވާނެކަމަށެވެ.