ޚަބަރު

ކޯޕަރޭޓް ގަވަރނަންސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ކޯޕަރޭޓް ގަވަރނަންސް އެފޯޓްސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ސީ.އެމް.ޑީ.އޭއިން އިތުރުކޮށްފިއެވެ.

ކޯޕަރޭޓް ގަވަރނެންސް އެވޯޑަކީ ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތައް ހަރުދަނާކުރުމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ ސީ.އެމް.ޑީއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާ، ކޯޕަރޭޓް މޯލްޑިވްސްއިން އަލަށް ތަޢާރަފްކުރި އެވޯޑެކެވެ.

ސީ.އެމް.ޑީ.އޭއިން ބުނީ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ތިރީހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި އެވޯޑަށް ނަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކަށް ސީ.އެމް.ޑީ.އޭގެ ވެބްސައިޓު މެދުވެރިކޮށް ފޯމް ލިބޭނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ކޯޕަރޭޓް ގަވަރނެންސް އެފޯރޓްސް އެވޯޑަށް ކުރިމަތިލެވޭނި ސިއެމްޑީއޭގެ 'ގޯލްޑް 100 ލިސްޓް"ގައިވާ ކުންފުނިތަކަށެވެ. ގޯލްޑް ލިސްޓަކީ ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭގޮތައް ސީއެމްޑިއޭއިން އެކުލަވާލާފައިވާ ލިސްޓެކެވެ.

އަންނަ އަހަރުން ފެށިގެން މިއެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު މި އެވޯޑުގެ ޒަރިއްޔާއިން ކުންފުނިތަކުގެ މުވައްޒަފުން ޒިންމާދާރުކުރުވައި، ކޯޕަރޭޓް ގަވަރނަންސަށް މުވައްޒަފުން އަހުލުވެރިވެގެންދާނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

2008 ވަނަ އަހަރުން ފެށިގެން ސީއެމްޑިއޭއިން އަންނަނީ ރާއްޖެގައި ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކުރަމުންނެވެ. އެގޮތުން ސީއެމްޑީއޭއިން ވަނީ ކޯޕަރޭޓް ގަވަރނަންސް ކޯޑެއް އެކުލަވާލާ ސަރުކާރުގެ ކުންފުނިތަކުން މިކޯޑަށް އަމަލުކުރުން ލާޒިމްކޮށްފައެވެ.

"ކޯޕަރޭޓް ގަވަރނެންސް އެފޯޓްސް އެވޯޑް" ދޭން ނިންމާފައިވަނި އަންނަ އަހަރު ބާއްވާ 'ގޯލްޑް 100 ގާލާ 2019" ގައެވެ.