ވިޔަފާރި

ބަލްގްޔޯނީ ރިސޯޓް މޯލްޑިވްސް މާޗުމަހު ހުޅުވަނީ


އިޓަލީގެ ކުންފުންޏަކުން ދ. އަތޮޅުގައި ތަރައްޤީކުރާ ބަލްގްޔޯނީ ރިސޯޓު މޯލްޑިވްސް އަންނަ އަހަރުގެ މާޗްމަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

މި ރިސޯޓަކީ އިޓަލީގެ މަޝްހޫރު ބަލްގްޔޯނީ ހޮޓެލްސްއިން ރާއްޖޭގައި ހުޅުވާ އެންމެ ފުރަތަމަ ރިސޯޓެވެ.

މި ރިސޯޓް ތަރައްޤީ ކޮށްފައިވަނީ ދ އަތޮޅުގެ މާގައުގައެވެ. އަލަށް ހުޅުވާ މި ރިސޯޓުގައި 99 ވިލާ ހިމެނޭއިރު އޭގެ ތެރޭގައި ބީޗް ވިލާއާއި ވޯޓާ ވިލާ ހިމެނެއެވެ. އަދި 1230 އަކަ މީޓަރުގެ 3 ޕްރެސިޑެންޝަލް ވިލާވެސް މި ރިސޯޓުގައި ހުރެއެވެ.

ބަލްގްޔޯނީ ރިސޯޓް މޯލްޑިވްސްގެ ޕްރެސިޑެންޝަލް ވިލާ ތަކަކީ ޕްރައިވެޓް ޕޫލާ ޖަކޫޒީއާއެކު ހަދާފައިވާ ވިލާތަކެކެވެ. ބަލްގްޔޯނީ ހޮޓެލްސްގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މި ރިސޯޓުގައި އިޓަލީގެ ކެއުންތަކުގެ އިތުރުން ބައިނަލްއަޤްވާމީ ކެއުންތަކާއި ޖަޕާން ކެއުން ލިބެން ހުންނާނެއެވެ.

ރާއްޖޭގައި މިވަގުތު ސަތޭކަ ސާޅީހަށްވުރެ ގިނަ ރިސޯޓުން ފަތުރުވެރިންނަށް ޚިދްމަތް ދެމުން އަންނަ އިރު، މިހާރުވެސް 140 ރިސޯޓް ތަރައްޤީ ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން މަޢުލޫމާތުދެއެވެ.