ޚަބަރު

ދެ ނާޒިމްގެ މައްސަލަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި


ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ރިވިއުކުރުމަށް ހުށައަޅާފައިވާ މައްސަލަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެ ދެބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒްކުރުން ފަސްކުރުމަށް މީގެކުރިން ސުޕްރީމް ކޯޓުން ޢަމުރުކޮށްފައިވަނީ، އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޙުކުމް ރިވިއުކުރުމުގެ މައްސަލަ ނިމެންދެނެވެ. އަދި އެ ހުކުމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އެދެބޭފުޅުންގެ މައްޗަށް ނޭޅުމަށްވެސް ސުޕްރީމް ކޯޓުން ޢަމުރުކޮށްފައިވެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ކްރިމިނަލް ކޯޓުން 2015ވަނަ އަހަރު 11 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ. އެ މައްސަލާގައި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށައެޅި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ކުރިން ނިންމާފައެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމްގެ މައްޗަށް ޢުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2015 އަހަރުގެ ތެރޭގައެވެ. ނާޒިމްގެ މައްޗަށް ދަޢުވާކޮށްފައިވަނީ މަކަރާއި ޙީލަތް ހެދުމުގެ މައްސަލައެއްގައެވެ. ނާޒިމްގެ މައްސަލް ރިވިއުކުރުމަށް އޭނަގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅުމުން އެ މައްސަލަ ބަލައިގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ މައްސަލަ ބައްލަވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.

ކުރީގެ މެންބަރު އަޙްމަދު ނާޒިމްގެ މައްސަލަ ބައްލަވަނީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދިﷲގެ އިތުރުން ފަނޑިޔާރު ޢަބްދުﷲ ދީދީއެވެ.