ޚަބަރު

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާބެހޭ އުސޫލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި


24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަދިނުމާބެހޭ އުސޫލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، މިއުސޫލުގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭނެ ތަންތަން ވަނީ ކަނޑައަޅާފައެވެ.

މިއުސޫލުގައިވާ ގޮތުން 24 ގަޑިއިރު ޚިދުމަތްދޭން ހުއްދަ ދޭނީ ސިޓީތަކުގައި، ފްރެންޗައިޒް އުޞޫލުން ހިންގާ ތަންތަން ފިޔަވައި، ރީޓެއިލް އުޞޫލުން ޛަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މުދާ ވިއްކާ ތަންތަނާއި ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނަށް އެކަންޏެވެ.

މީގެ އިތުރުން މީހުން ދިރުއުޅޭ ރަށްރަށުގައި ހިންގާ ފާމަސީތަކާއި ސިޓީތަކުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަނަށްވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް މިއުސޫލުގައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ޤާއިމުކޮށްފައިވާ ފިހާރަތަކާއި ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނަށްވެސް މިހުއްދަ ލިބޭނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކާއި ސަރަޙައްދީ ވައިގެ ބަނދަރުތަކުގައި ހިންގާ ތަންތަނަށްވެސް މިއުސޫލުގެ ދަށުން ހުއްދަ ލިބޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދެވޭ މުއްދަތާއި ހުއްދަ ބާތިލުކުރެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ އުސޫލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ފިހާރަތަކާއި ސައި ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވަޢުދެކެވެ.