ޚަބަރު

ކްލިނިކްތަކުގެ ވެރިންނާއި ހެލްތް މިނިސްޓަރ އަމީން ބައްދަލުކުރައްވައިފި


ކްލިނިކްތަކާއި ސިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ހެލްތް މިނިސްޓަރ ވަނީ އަމިއްލަ ގޮތުން ސިއްޙީ ދާއިރާއަށް ޚިދުމަތް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރައްވާފައެވެ. އަދި ދާއިރާއަކީ މުހިއްމު ދާއިރާއެއް ކަން ފާހަގަކުރައްވާ ޕްރައިވެޓް ސެކްޓަރ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެކަންކަމާ ގުޅެގޮތުން ޚިޔާލާއި މަޝްވަރާ މިނިސްޓަރ ވަނީ ހޯއްދަވާފައެވެ. އަދި ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގުޅިގެން ކުރެވިދާނެކަންކަމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި 40 ކްލިނިކަކުންވަނީ ބައިވެރިވެފައެވެ. ސިއްޙީ ޚިދުމަތް ދެމުންގެންދާ އަމިއްލަ ފަރާތްތަކާއި ހެލްތް މިނިސްޓަރ މިއަދު ބައްދަލުކުރައްވާފައިވާއިރު މިދިޔަ ހަފްތާގައި މިނިސްޓަރ ވަނީ ރާއްޖޭގެ އެންމެ ބޮޑު 2 ހޮސްޕިޓަލްކަމަށްވާ އައިޖީއެމްއެޗާއި އޭޑީކޭއަށް ވަޑައިގެން އެތަންތަން ހިގަމުންދާގޮތް ބައްލަވާލައްވާފައެވެ.