ޖެންޑަރ މިނިސްޓްރީއަށް މިއަހަރުގެ މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ 60 އިންސައްތަ އަކީ އަންހެނުންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލަތައް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިކަން ހާމަކުރެއްވިއިރު، މިއަދަކީ އަންހެނުންނަށާއި، އަންހެންކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ.
ގެވެށިއަނިޔާގެ މައްސަލަތަކާއި ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އަންހެނުންނަށް ކުރާ އަނިޔާގެ ވާހަކަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަބަދުވެސް ދައްކަމުންދާ ވާހަކަތަކެކެވެ. މިކަމާމެދު ޢާއްމުން ހޭލުންތެރިކޮށް، މިފަދަ މައްސަލަތައް މަދުކުރުމަށްޓަކާ ދުނިޔޭގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގައިވެސް މިފަދަ ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ފަހަކަށްއައިސް އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކަކީ ކޮންމެވެސް ބާވަތަކެއްގެ އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. ޖެންޑަރ މިނިސްޓްރީއަށް ކޮންމެ މަހަކު ހުށައެޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި، ގެވެށި އަނިޔާގެ މައްސަލަތައް ނުވަތަ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައިވެސް އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ ގިނަކަން ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ މިހާތަނަށް ގެވެށިއަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅުންހުރި 1400 އަށްވުރެ ގިނަ މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން %60 މައްސަލައަކީ އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލަތައްކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެފައިވެއެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން "އޮރެންޖް ދަ ވޯރލްޑް" މި ތީމްގެ ދަށުން ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ޚާއްސަ ޙަރަކާތްތަކެއް ހިންގަމުންނެވެ. ޖެންޑަރ މިނިސްޓްރީންވެސް ވަނީ މިދުވަހާ ގުޅޭގޮތުން އޮރެންޖް ބެނާއެއް އިފްތިތާހު ކޮށްފައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ކަންކަމުގެ ތެރޭގައި އޮރެންޖް ކުލައިން އިމާރާތްތައް ދިއްލުމާއި، އޮރެންޖް ކުލައިން ހެދުން އެޅުމުގެ އިތުރުން، އޮރެންޖް ރިބަން ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން އެކި އޮފީސްތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު މަޤުސަދަކީ މުޖުތަމައުގައި އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމާއި ގެވެށިއަނިޔާ ހުއްޓުވުމެވެ. އަދި އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި މުޖުތަމައުގައި ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަމާމެދު ހޭލުންތެރި ކުރުމަކީވެސް މިދުވަސް ފާހަގަކުރާ މުހިއްމު މަޤުސަދެކެވެ.