ޚަބަރު

ޕެންޝަން އޮފީހުން އިސްރަށްވެހިން ޕްރޮގްރާމް މި ފަހަރު ކުޅުދުށްފުށީގައި


އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ކުރިއަށް ގެންދާ “އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް” ޕްރޮގްރާމު މި އަހަރު ކުޅުދުށްފުށީގައި ބޭއްވުމަށް ނިންމައިފިއެވެ. ޕެޝަން އޮފީހުން ބުނީ “އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް”މި ހަރަކާތްތައް ކުޅުދުފުށީގައި ފަށާނީ އަންނަ މަހުގެ 12 ވަނަދުވަހު ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ރަށުގައި ދިރިއުޅޭ އިސްރަށްވެހިންނަށް އުފާވެރި މާހައުލެއްގައި ދުވަސްވީ ރަހްމަތްތެރިންނާއި ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ކުރެވެން ހުރި ކަންކަމާއި، މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި އެކަންކަމާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުންވެސް ހިމެނޭކަމަށް ޕެޝަން އޮފީހުން ބުނެއެވެ.

މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީި މީހުންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދާ ހަރަކާތެއްކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. އަދި މި ހަރަކާތުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއި އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދީ، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުދިނުންކަމަށްވެސް ޕެޝަން އޮފީހުން ބުނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސްރަށްވެހީންނާ ބައްދަލުކޮށް، ޕެންޝަން އޮފީހުން އެފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަކީވެސް މި ހަރަކާތުގެ މަޤްސަދެއްކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

“އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް” ޕްރޮގްރާމް ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ މިދިޔަ އަހަރު އައްޑު އަތޮޅުގެ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ސ.ގަމުގެ އީކުއޭޓަރ ވިލެޖުގައެވެ.