ވިޔަފާރި

އެންމެ ރަނގަޅު އެއަރލައިނަކަށް ސިންގަޕޯރ އެއަރލައިން


އެއަރލައިން ރޭޓިންގސް ޑޮޓް ކޮމްއިން ކޮންމެ އަހަރަކު ހޮވާ އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑްގެ ސިންގަޕޯރ އެއަރލައިންސްއަށް ލިބިއްޖެއެވެ.

އެއަރލައިން ރޭޓިންގސް ޑޮޓް ކޮމްއަކީ އެއަރލައިންތަކުގެ ރައްކާތެރިކަމާއި ދޭ ޙިދުމަތުގެ ފެންވަރު ބެލުމަށްފަހު، ކޮންމެ އަހަރަކުވެސް އެންމެ ރަނގަޅު އެއަރލައިންތައް ހޮވަމުންގެންދާ އޮސްޓްރޭލިއާގެ ވެބްސައިޓެކެވެ.

މިއަހަރު އެންމެ ރަނގަޅު އެއަރލައިނަކަށް ސިންގަޕޯރ އެއަރލައިންސް ހޮވިފައިވާއިރު، މިއީ މިއެވޯޑް ސިންގަޕޯރ އެއަރލައިންސްއަށް ލިބުނު ފުރަތަމަ ފަހަރެވެ. އެއަރލައިން ރޭޓިންގސް ޑޮޓް ކޮމްއިން ފާހަގަކުރާ ގޮތުގައި، ސިންގަޕޯރ އެއަރލައިންސްއިން ވަނީ ޚިދުމަތުގެ ފެންވަރާއި ބޭނުންކުރާ މަތިންދާ ބޯޓުތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް، ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ އިތުރުން ސިންގަޕޫރާއި އެމެރިކާގެ ނިއުޔޯކާ ދެމެދު ފަށާފައިވާ 19 ގަޑިއިރުގެ ސީދާ ދަތުރަކީ އެއަރލައިނަކުން ކުރާ އެންމެ ދިގު ކޮމާޝަލް ދަތުރެވެ.

ސިންގަޕޯރ އެއަރލައިނަށް އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑް ލިބިފައިވާއިރު، ދެވަނަ އަށް ހޮވުނީ މިދިޔަ ފަސް އަހަރު އެއްވަނަ ހޯދި އެއަރ ނިއުޒިލެންޑެވެ. 3 ވަނަ ލިބުނީ ކެނެޑާގެ ކަންޓަސް އެއަރލައިނަށެވެ. 4 ވަނަ ޤަތަރު އެއަރވޭސްއަށް ލިބުނުއިރު، 5 ވަނަ ލިބުނީ ވަރޖިން އޮސްޓްރޭލިއާއަށެވެ.

އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑުގެ އިތުރުން، ސިންގަޕޯރ އެއަރލައިންސްއިން ވަނީ އެންމެ ރަނގަޅު ފަސްޓް ކްލާހުގެ އެވޯޑްވެސް ހޯދާފައެވެ. ސިންގަޕޯރ އެއަރލައިންސްއިން މިދިޔަ އަހަރު ތަޢާރަފްކުރި ފަސްޓް ކްލާސް ސޫޓްތަކަކީ އެންމެ މަތީ ފެންވަރުގެ ހޮޓަލަކުން ލިބޭ ޚިދުމަތްތަކާ އެއް ފެންވަރެއްގެ ޚިދުމަތް ފޯރުކޮށްދޭ ސޫޓްތަކެކެވެ.

އެންމެ ރަނގަޅު ފަސްޓް ކްލާހަކަށް ސިންގަޕޯރ އެއަރލައިންގެ ފަސްޓް ކްލާސް ހޮވުނުއިރު، އެންމެ ރަނގަޅު ބިޒްނަސް ކްލާސްގެ އެވޯޑް ހޯދީ ޤަތަރު އެއަރވޭސްއިންނެވެ. އަދި އެންމެ ރަނގަޅު އިކޮނޮމީ ކްލާސްގެ އެވޯޑު ހޯދީ ކޮރެޔާ އެއަރއިންނެވެ.

އެއަރލައިން ރޭޓިންގސް ޑޮޓް ކޮމްއިން ހޮވި އެންމެ ރަނގަޅު އެއަރލައިންތަކުގެ ލިސްޓުގެ ގަދަ ދިހައެއްގައި މިދިޔަ އަހަރު ލިސްޓުގައި ނުހިމެނޭ އެއަރލައިންތަކެއް ހިމެނިފައިވެއެވެ. މީގެ އިތުރުން މިދިޔަ އަހަރު ގަދަ ދިހައެއްގައި ހިމެނުނު އެއްތިޚާދު އެއަރވޭސްއާއި ވަރޖިން އެޓްލާންޓިކް އަދި ކޮރެޔަން އެއަރއަށް މިއަހަރުގެ ލިސްޓުން ޖާގައެއް ނުލިބެއެވެ. އަދި ޔޫރަޕާއި އެމެރިކާގެ އެއްވެސް އެއަރލައިނަކަށްވެސް މިއަހަރުގެ އެންމެ ރަނގަޅު އެއަރލައިންތަކުގެ ލިސްޓުން ޖާގައެއް ނުލިބެއެވެ.