ޚަބަރު

މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ބައްލަވާލެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރ މަގުތަކަށް!


ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ، މާލޭގެ ޕާކިން ޒޯންތަކާއި އާންމު ތަންތަނުގެ އިތުރަށް ބަނދަރުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މާލޭގެ މަގުމަތީގެ ހާލަތާއި، ޕާކްކުރުމުގައި ހުރި ދަތިތަކާއި، ބަނދަރު ތަކުގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އެތަންތަނަށް ޒިޔާރަތްކޮށް ބައެއް އާންމުންނާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މީގެތެރެއިން ހީނާމާގޭގައި ހުރި ޕާކިން ސަރަހައްދު ބައްލަވާލެއްވުމަށްފަހު، ޕީއެސްއެމްނިއުސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަންގެ ދަށުން ފުރަތަމަ ހަފްތާގައި ހާސިލްކުރަން ކަނޑައެޅި ކަންތައްތައް ކާމިޔާބުކަމާއެކު ހާސިލްކުރެވިފައިވާކަމަށެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، މިހާތަނަށް ނުނިމިހުރި ޕާކިން ޒޯންތަކާ، އެފަދަ ތަންތަން އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްހިއްޖެނަމަ އާންމުންނަށް ދިމާވެފައިވާ މަސައްކަތައް ވަރަށް ބޮޑަށް ހައްލުވާނެކަމަށާއި މިކަން ހާސިލްކުރުމަށް ބޮޑު އިސްކަމެއް ދެއްވުމަށް މަސައްކަތްކުރައްވާނޭކަމަށެވެ.

" ޕާކިން ޒޯންތައް މިހާރު ހުރިގޮތުން، ބައެއް ތަންތަން އެކީގައި ނުނިމި ހުރުމުން، އެކަންތައްތައް ނިންމާލާފައި ފަންކްޝަން ވާގޮތަކަށް ހެދުމުން މިހާރަށްވުރެ ރައްޔިތުންނަށް ވެހިކަލްތައް ޕާކްކުރުމުގައި ޖާގަ ލިބި ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެކަމަށް. ވަރަށް ބައިވަރު ކަންތައްތައް އެބަހުރި، ތިރީސް ދުވަހުގެ ޕްލޭނާ، ފަސްދޮޅަސް ދުވަހާއި، ނުވަދިހަ ދުވަހުން ހާސިލްކުރަން ޖެހޭ ކަންތައްތައް، އަޅުގަނޑުމެންގެ މިނިސްޓްރީގެ ދަށުން ހާސިލްކުރަންޖެހޭ ކަންތައްތައް. ދެން ހަމަ އަޅުގަނޑުމެން ރައްޔިތުންނަށް ބަލާ އެންމެ ކުރިން ކުރަންޖެހޭ ކަންތައްތައް ބަލާ، އެތަރުތީބުން ކަންތައްތައް ކުރަމުން ގެންދާނީ " ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، ޤަވާއިދާ ޚިލާފަށް ޕާކްކޮށް ގިނަ ދުވަސްވެފައި ހުރި ވެހިކަލްތައް ނައްތާލުމުގެ މަސައްކަތްތައް ފަށާފައެވެ. އަދި މާލޭ ފަޅުގައި ދައުލަތުގެ ބޭނުންތަކަށް ނަގާފައިވާ ބައެއް ތަންތަން، އާއްމުނަށް ވަނީ ހުޅުވާލާފައެވެ.