ޚަބަރު

މަރާމާތަށްފަހު ކޯސްޓްގާޑް ޝިޕް ހުރަވީ ރާއްޖެ އަތުވެއްޖެ


އެމްއެންޑީއެފް ކޯސްޓްގާޑުގެ ފްލީޓުގެ އެންމެ ބޮޑު އުޅަނދުކަމަށްވާ ''ހުރަވީ'' މަރާމަތަށްފަހު ރާއްޖެ އަތުވެއްޖެއެވެ.

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖެއަށް ހަދިޔާކޮށްފައިވާ ޝިޕް ހުރަވީ މަރާމާތަށްފަހު ރާއްޖެ އައީ އިންޑިޔާގެ ވިޝާކަޕަޓްނަމްގެ އިންޑިއަން ނޭވަލް ޑޮކްޔާރޑުގައި ހަތަރު މަސްދުވަސް ހޭދަކުރުމަށްފަހުއެވެ.

ޝިޕް ހުރަވީ ރާއްޖެ އައުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ޝިޕް ހުރަވީގެ ކޮމާންޑިންގ އޮފިސަރ މޭޖަރ މުޙައްމަދު ޖަމްޝާދު ވިދާޅުވީ، ޝިޕް ހުރަވީގެ މަރާމާތަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ހުރިހާ މެޝިނަރީޒްއެއް އޯވަހޯލްކޮށްފައިވާ ކަމަށެވެ.

ޖަމްޝާދު ވިދާޅުވީ، ހުރަވީ މަރާމާތުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގިކަމަށާއި މިހުރިހާ ކަމެއް ކޮށްދީފައިވަނީ އިންޑިޔާގެ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ޝިޕްގެ ހަލްއާއި ޓޭންކްތަކާއި ކީލް އޭރިއާ، މަރާމާތުކޮށް ނިމި، ޕްރެޝަރ ޓެސްޓުކުރުމާއި، ފައިނަލް ޕެއިންޓް ސްކީމް ދުއްވުމުގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ޝިޕްގައި މުޅިން އަލަށް ޖީޕީއެސް ސިސްޓަމާއި، އޭއައިސް، އަދި ފަޔަރ އެލާރމް ސިސްޓަމް ހަރުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ކޯސްޓްގާރޑް ޝިޕް ހުރަވީ މަރާމާތަށް އިންޑިޔާއަށް ފުރާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މަރާމާތުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.

ކޯސްޓްގާރޑް ޝިޕް ހުރަވީއަކީ އިންޑިޔާ ސަރުކާރުން 2006 ވަނަ ރާއްޖެއަށް ހަދިޔާކުރި އުޅަނދެކެވެ. އަދި އޭގެ ފަހުން ކޮންމެ ދެއަހަރުން އެއްފަހަރު އެއުޅަނދު މަރާމާތުކުރުމަށް އިންޑިޔާއަށް ގެންދެއެވެ.