ޚަބަރު

ވަގުތީ ހިޔަލުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ - މިނިސްޓަރ


ސުނާމީ އާއި ގުޅިގެން ވަގުތީ ހިޔާ ތަކުގައި ދިރިއުޅެމުންދިޔަ މީހުންގެ ތެރެއިން އެއްވެސް ރައްޔިތަކު އެތަނުގައި ނޫޅޭނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.ޤައުމީ ދުވަހާއި ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި  ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވީ ސުނާމީގައި  ގެދޮރު ގެއްލިފައިވާ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށާއި ނުނިމިހުރި ގެތައްވެސް ނިންމާ ވަރަށް އަވަހަށް ހަވާލުކުރާނެކަމަށެވެ. ސުނާމީއަށް ދިހަ އަހަރު ފުރުނުއިރު ގެދޮރު ގެއްލުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށްނުދެވުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުގެ ކިބައިން އެކިކަހަލަ ހުރަސްތަށް ދިމާވިކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.ސުނާމީ އާއި ގުޅިގެން ހަދަމުންދާ ގެތަކުގެތެރެއިން ތ. މަޑިފުށީގައި ހަދަމުންދިޔަ ސާޅީސްއެއްގޭގެ މަސައްކަތް އެއްކޮށްވަނީ ނިމިފައެވެ. ދާންދޫގައި ހަދަމުންދާ އަށްޑިހަހަތް ގޭގެ ތެރެއިން އަށްޑިހަ ހަ ގޭގެ މަސައްކަތް ނިމިފައިވާއިރު، މާމެންދޫގެ އަށްޑިހަހަތަރު ގޭގެތެރެއިން ފަންސާސްއެއްގޭގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިލިގިލީގައި ހަދަމުންދާ ހަތްދިހަހަތް ގޭގެތެރެއިން ފަންސާސްނުވަ ގޭގެ މަސައްކަތް ނިމިފައިވާއިރު، ނިލަންދޫ ފަންސާސް ގޭގެތެރެއިން ސާޅީސްފަސް ގެ ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.ގއ. އަތޮޅުގެ ދުއިސައްތައަށްޑިހަ ނުވަ ގެއާއި ތ. މަޑިފުށީގެ ސާޅީސް އެއްގޭގެ މަސައްކަތް ނިންމުމަށް އެމަސައްކަތް ކުރިއަށްގެންދިޔައީ ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި ސިފައިން މަސައްކަތަށް ނެރިގެންނެވެ.