ޚަބަރު

ފުވައްމުލައް ސިޓީގައި ނަރުދަމާގެ ޚިދުމަތް ދޭން ފަށައިފި


ފުވައްމުލައް ސިޓީގެ ބައެއް ގެތަކަށް ނަރުދަމާގެ ޚިދުމަތްދޭން ފަށައިފިއެވެ.

ފުވައްމުލައް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސާރވިސަސް ޑިޕާޓްމެންޓުން އެސިޓީގެ ބައެއް ގޭގެއަށް ފޮނުވާފައިވާ ނޯޓިސްގައިވާ ގޮތުން، ނަރުދަމާގެ މަސައްކަތް ނިމި މިހާރުވަނީ ބައެއް ގެތަކަށް ޚިދުމަތް ދޭން ފަށާފައެވެ. ފުވައްމުލަކު ގޭގޭގެ ޖަންގްޝަން ހޮޅިތައް، ނަރުދަމާގެ ނިޒާމާ ގުޅުވުމަށްފަހު މިހާރު ޚިދުމަތް ބޭނުން ކުރަން ފެށޭނެ ކަމަށާއި، ރަށުތެރެއަށް ނަޖިސް ހިންދާގޮތަށް ކުރިން ބޭނުންކުރަމުންދިޔަ ޖަންގްޝަން ވަޅުތައް ބޭނުން ނުކުރުމަށް އެ ޑިޕާޓްމެންޓުން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިން ބޭނުންކުރަމުންދިޔަ ޖަންގްޝަން ވަޅުތައް ހުސް ކުރުމުގެ މަސައްކަތް ފުވައްމުލަކުގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރި ސިއެރާ ކުންފުނިން ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

ފުވައްމުލަކުގައި ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައިވަނީ ފެނާއި ނަރުދަމާގެ ޚިދުމަތައް އެދި ރަޖިސްޓަރީ ވުމަށް ފޯމު ހުށަހަޅާފައިވާ ގެތަކަށެވެ.

ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީން، ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢަށް 275 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.