ވިޔަފާރި

އެމް.އެމް.އައިގެ "ސްކޫލް ހޮލިޑޭ އެކްސްޓްރާވެގެންޒާ" ބޮޑު ތަރުޚީބެއް


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ކުޑަކުދިންނަށް މީޑިއާ އިންޑަސްޓްރީ އާއި ޕާފޯމިންގް އާރޓްސްގެ އެކި ހުނަރުތައް ދަސްކޮށްދިނުމަށް ސްކޫލް ޗުއްޓީގައި ބާއްވާ "ސްކޫލް ހޮލިޑޭ އެކްސްޓްރާވެގެންޒާ"އަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށް އެމް.އެމް.އައި އިން ބުނެފިއެވެ.

"ސްކޫލް ހޮލިޑޭ އެކްސްޓްރާވެގެންޒާ" ޕްރޮގްރާމާ ގުޅޭ މަޢުލޫމާތުދިނުމަށް ކުޑަކުދިންގެ ބަގީޗާގައި ބޭއްވި ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމް.އެމް.އައިގެ އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ޑެވެލޮޕްމެންޓް ކޯޑިނޭޓަރ އައިޝަތު ނުޒުހާ ވިދާޅުވީ، ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން ހުށަހަޅާފައިވާ ކަމަށެވެ.

"މި ވޯކްޝޮޕްތަކުން އަޅުގަނޑުމެން ބޮޑަށް ބޭނުންވަނީ ރާއްޖޭގެ ތުއްތު ކުދިންނަށާއި ބޮޑު ވަމުން އަންނަ ކުދިންގެ ޓެލެންޓްތައް ހޯދުމާއި އަދި އެކުދިންނަށް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއާއި ގުޅިގެން ދެވޭނެ (އަށަގެންނުވޭނެ) ހުނަރުތައް އަޅުގަނޑުމެންގެ ފަރާތުން ހޯދައިދިނުން" ނުޒުހާ ވިދާޅުވިއެވެ.

އެމް.އެމް.އައިއިން މިފަހަރު ތަފާތު 10 ވޯކްޝޮޕެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ނަށަން ދަސްކޮށްދޭ ވޯކްޝޮޕަކާއި، ރޭޑިއޯ ޕްރެސެންޓިންގް ވޯކްޝޮޕަކާއި އިނގިރޭސިންނާއި ދިވެހިން ޚަބަރު ލޔަން ދަސްކޮށްދޭ ވޯކްޝޮޕްފަދަ ވޯކްޝޮޕްތައް ހިމެނެއެވެ. އަދި ސްމާޓް ފޯނުން ފޮޓޯ ނެގުންފަދަ ތަފާތު ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވެއެވެ.

މި ވޯކްޝޮޕްތަކުގައި ކިޔަވައި ދެއްވާނީ އެމްއެމްއައިން ހިންގާ އެހެން ކޯސްތަކުގައިވެސް ކިޔަވައިދެއްވާ ހުނަރުވެރި ލެކްޗަރައިންނެވެ. އުމުރުން 6 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް މި ވޯކްޝޮޕްތަކުގައި ބައިވެރި ވެވޭނެއެވެ. އަންނަ ހޮނިހިރު ދުވަހާއި ހަމައަށް މި ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، މިކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް އެމްއެމްއައިގެ ވެބްސައިޓުގައި ލިބެން ހުންނާނެއެވެ.