ޚަބަރު

ތަޢުލީމީ ޒުވާނުން ޤައުމީ ޚިދުމަތަށް ނެރެދެއްވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އެދިވަޑައިގެންފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމް ހާޞިލްކޮށްގެން ވީހާވެސް ގިނަ ޒުވާނުން ޤައުމީ ޚިދުމަތަށް ނެރެދެއްވުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ޑރ. އިބްރާޙީމް ޙަސަން އެދިވަޑައިގެންފިއެވެ.

ތަޢުލީމީ ޒުވާނުން ޤައުމީ ޚިދުމަތަށް ނެރެދެއްވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އެދިވަޑައިގަތީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙީމް ޙަސަން ޒިޔާރަތްކުރައްވާ، އެތަނުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ޔުނިވަރސިޓީތަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙީމް ޙަސަން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރއާއި، ވައިސް ޗާންސެލަރ އާއި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރއާއި ބައްދަލުކުރައްވާ ޔުނިވަރިސިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިމަޝްވަރާތަކުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންނާއި ލެކްޗަރާއިންގެ މެދުގައި ޢިލްމަށް ލޯބިކުރުމުގެ ރޫޙު އަށަގަންނަވައި ދެއްވުމަށާއި އެކަމަށް އެކަށީގެންވާ ފަދަ މާޙައުލެއް ޤާއިމްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މިސަރުކާރުން ވައުދުވެފައިވާ މަތީ ތަޢުލީމާއި ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިދެ ޔުނިވަރސިޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޔުނިވަރސިޓީތަކުގެ އިސްވެރިން ވަނީ ހަަޔަރ އެޑިއުކޭޝަން މިނިސްޓަރ އެދިވަޑައިގެންނެވި ކަންކަމަށް އެއްބާރުލުންދެއްވާ، އެކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރަށް އަރުވާފައެވެ.