ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކޮންގްރެސް ސައްހަކަމަށް ކަނޑައަޅާ އެ ކޮންގްރެސުން ފާސްކުރި މަޤާމުތައް 24 ގަޑިއިރުގެ ތެރޭގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ޕީޕީއެމުން ސެޕްޓެމްބަރ މަހުގެ 28 އަދި 29ގައި ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ޕީޕީއެމުން ހުށައެޅި މައްސަލަ ނިންމާ މިއަދު އިއްވި ހުކުމްގައެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ޤަވައިދާއި އިންތިހާބުތަކާއި ބެހޭ ޤަވައިދުތަކާއި އެއްގޮތަކަމަށެވެ. އެގޮތުން ޕީޕީއެމްއަށް 4 ނާއިބު ލީޑަރުން އައްޔަންކޮށްފައިވަނީ ޕީޕީއެމްގެ އަސާސީ ޤަވައިދާއި ހިލާފަށްކަމަށް ބުނި ނަމަވެސް އެކަން ކޮށްފައިވަނީ އަސާސީ ޤަވައިދަށް ބަދަލުތައް ގެނައުމަށް ފަހުގައިކަމަށެވެ. އަދި އެ ބަދަލުތައް ގެނައިކަން ކޮންގްރެސްގެ ޔައުމިއްޔާތައް ބަލާލުމުން އެގެން އޮންނަކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓްލީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެކަމުގެ މައުލޫމާތު ހޯދުމަށް އިސީން އެދިފައިނުވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައި ވެއެވެ. އަދި ޕީޕީއެމްގެ ދަފްތަރުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮންނާނީ އެ ޕާޓީގައިކަންވެސް ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އަދި ޕީޕީއެމުން ބޭއްވި އެޕާޓީގެ ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވައިދާއި ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކުރުމަށް ފަހުކަމަށްވެސް ހައިކޯޓް ހުކުމްގައިވެއެވެ.
ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވަނީ އެ ޕާޓީގެ ރައީސްކަމަށް އިންތިހާބުކޮށްފައެވެ.
ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ހައިކޯޓުން ނިންމާފައިވާއިރު އެޕާޓީގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްއާއި ހަވާލުކުރުމަށް އަމިއްލަ ދެ މެންބަރަކު ވަނީ ސިވިލްކޯޓަށް ހުށައަޅާފައެވެ. އެހެންނަމަވެސް ސުޕްރީމްކޯޓުން ވަނީ އެ މައްސަލައިގެ ފައިލްތައް އެ ކޯޓަށް ގެންގޮސްފައެވެ. ސުޕްރީމްކޯޓުން ބުނީ ފައިލްތައް ނެގީ ބައެއް ފަރާތްތަކުގެ ޝަކުވާތައް ލިބެމުންދާތީކަމަށެވެ.