ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ފުޅާކުރުމަށް އައު މާސްޓަރ ޕްލޭނެއް އެކުލަވާލާލުމަށް ނިންމައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދާއެކު މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ، މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާމެދު ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ޙިއްޞާކުރުމުން، އެކަންކަން ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެން އަމަލުކުރަންޖެހޭ ޕްލޭނެއް އެކުލަވާލާނެކަން މިނިސްޓަރ ފާހަގަކުރެއްވިކަމަށް ކަރަމް ވިދާޅުވިއެވެ.
"މިނިސްޓަރގެ ވާހަފުޅުގައި ވަރަށް ޔަޤީންކަން ދެއްވި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާނެކަމަށް. ހަމައެެއާއެކީ އަޅުގަނޑުމެންގެ ބޮޑު ކަންބޮޑުވުމެއް އޮތް ޓޫރިޒަމް އިންޑަސްޓްރީގައި އެންމެން ފޮލޯކުރާ އެކަށީގެންވާ ޕްލޭންއެއް ނެތުމަކީ. އެހެންވީމަ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެކީ މަޝްވަރާކޮށް ރަނގަޅު މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވި." ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވިއެވެ.
އައު ސަރުކާރުގެ މެނިފެސްޓޯގައި ފަތުރުވެރިކަމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާއަށް ގިނަ ކަންތައްތަކެއް ކަނޑައަޅާފައިވާއިރު އޭގެތެރޭގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ހަރުދަނާކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް މިހާރަށް ވުރެ ތިން ގުނަ އިތުރަށް ޚަރަދުކުރުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސްއެމްއީ ބޭންކުގެ ޚިދުމަތް ތަޢާރަފްކުރުން ހިމެނެއެވެ.
މިކަމަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ ބޭރު ދުނިޔޭގައި ރާއްޖޭ އިޝްތިހާރުކުރުންކަމަށެވެ. އެހެންކަމުން މިދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަރުކާރުން މިހާރު ޚަރަދުކުރާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނާއި ވާދަވެރި މާރކެޓްތަކަށް ބަލާއިރު ޑެސްޓިނޭޝަން މާރކެޓިންގ ވަރަށް ދަށްކޮށް މިދިޔައީ. މިދިޔަ އަހަރު އަޅުގަނޑުމެންނާއި ވާދަވެރި ހުރިހާ ޤައުމެއްވެސް އުޅެނީ ދިހަ މިލިއަން ޑޮލަރުގެ މަތީގައި. ސީޝެލްސް، މޮރީޝިއަސް، ސްރީލަންކާ، އިންޑޮނޭޝިއާ ޕިލިޕީންސް މިހެންގޮސް އަޅުގަނޑުމެންނާއި އެއްގޮތް ސިފަތައް ހިމެނޭ ވާދަވެރި ޤައުމުތަކުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި. އެހެންވީމަ މާރކެޓިންގ އަށް ރަނގަޅު ޕުޝްއެއް ސަރުކާރުން ދޭންޖެހޭ." ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ތަޢާރަފުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ގެސްޓްހައުސް ދާއިރާ މިވަނީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު މަންފާއެއް ކުރާ އެއް ދާއިރާއަށް ވެފައެވެ.