ޚަބަރު

ސިފައިންގެ މަސައްކަތްތަކަކީ އިތުބާރު ލިބިފައިވާ މަސައްކަތަކަށް ހަދަންޖެހޭ - ޑިފެންސް މިނިސްޓަރ


މި ސަރުކާރުން ޤައުމީ ދިފާޢީ ބާރުގެ މަސައްކަތްތައް ބައްޓަންކުރާނީ ވީހާވެސް ދެފުއްފެންނަ، މަސައްކަތަށް ޖަވާބުދާރީވެވޭ ގޮތުގައިކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަފަހަރަށް ދިވެހި ސިފައިންނާއި ބައްދަލުކުރައްވައި ކަޅުތުއްކަލާ ކޮށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ޤައުމުގެ ޙިމާޔަތުގައި ސިފައިން ކުރަމުންގެންދާ ބުރަ މަސައްކަތްތައް މިހާތަނަށް ކުރަމުން އައިސްފައިވަނީ އެކަމުގެ ކަންކަން ރައްޔިތުންނަށް އެންމެ ރަނގަޅަށް އޮޅުންފިލާ ގޮތަށް ނޫންކަމަށެވެ. ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އެންމެ އިސް ސަފުގައި ނުކުންނަ ބަޔަކީ ސިފައިން ކަމަށްވީއިރު، ދިފާޢީ ބާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނަށް ނޭންގޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކާރިސާރަކުގައި ސިފައިންގެ މަސައްކަތްތައް ލަސްކަމަށްބުނެ ބައެއް ފަރާތްތަކުން އިނގިލިދިއްކުރަމުންދާކަމަށާއި، މި މަސައްކަތްތަކުގައި ސިފައިން ކުރަމުންދާ މަސައްކަތުގެ ބޮޑުމިނާއި ބުރަކަން ރައްޔިތުންނަށް އެނގުން މުހިންމުކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރވަނީ ޤައުމީ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައިވާ މިފަދަ މުއައްސަސާއެއްގެ ބަޔަކު ކޮރަޕްޝަންފަދަ ނޭދެވޭ ޢަމަލުތަކުން ދުރުވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އަބަދުވެސް ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ސިފައިންނަށް ގޮވާލެއްވިއެވެ.

"ރައްޔިތުންގެ ފައިސާއިން ހިންގާ މިފަދަ މުޢައްސަސާތަކަކަކީ ރައްޔިތުންނަށް އަމާނާތްތެރިވާ ތަނަކަށް ހަދަންވާނެ. ކޮންމެ ކަމެއްވެސް ކުރަންވާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް. ކަންކަމަށް ޖަވާބުދާރީވެ، ދެފުއްފެންނަ މަސައްކަތްތަކަށް ވާންޖެހޭ."

މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ އަމާޒަކީ ސިފައިންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރުލިބިފައިވާ މުޢައްސަސާއަކަށް ހެދުންކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ ބާރާއި ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށާއި، ރައްޔިތުންނަށް އަމާނާތްތެރިވުމަކީ ކޮންމެ ސިފައިންގެ މީހެއްގެ ޒިންމާއަކަށް ހެދުމަށްވެސް އެކަމަނާ އިލްތިމާޒްކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރ ސިފައިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ އަންހެން މިނިސްޓަރަކު ދިވެހި ސިފައިންގެ ވުޒާރާގެ ކަންކަމާއި ހަވާލުވެވަޑައިގަތުމަކީ ސިފައިންގެ ތާރީޚުގައިވެސް ފާހަކަކޮށްލެވޭ މުހިންމު ކަމެއްކަމަށެވެ. އަދި މިކަމުން ދިވެހި ސިފައިން ނަމޫނާ ލިބިގަނެ، ކުރިން މި މަޤާމު ފުރުއްވާފައިވާ ފަރާތްތަކުން ކުރައްވާފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެގޮތުގައި ދިވެހި ސިފައިންގެ ޢަމަލުތައް ބައްޓަން ކުރަންޖެހޭކަމަށެވެ.

"އަބަަދުވެސް ދިވެހ ޤައުމުގެ ދިފާއުގައި ސިފައިން ތިބެންވާނީ ތައްޔާރަށް. ސިފައިންގެއަށް ކުރިން ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ މަސައްކަތްތައް ނަމޫނާއެއްގެ ގޮތުގައި ބަލައި އެގޮތުގައި ހިފަހައްޓަންޖެހޭ."

މާރިޔާ ވިދާޅުވިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޖަލްސާގައި ޤައުމީ ދިފާއީ ބާރުގެ އެކި ރޭންކުތަކުގެ ސިފައިންވަނީ ބައިވެރިވެފައެވެ.