ޚަބަރު

ވިލިނގިލީ ބޭންކު ފަޅާލައި ވަގަށް ނެގި ފައިސާގެ 90 އިންސައްތަ ހޯދައިފި


ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު ފަޅާލައި ވަގަށް ނެގި ފައިސާގެ 90 އިންސައްތަ ފައިސާ ހޯދައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމައްސަލައިގެ މައުލޫމާތު އެނގޭ "އޮފިޝަލަކު" ވިދާޅުވީ ގެއްލުނު ފައިސާގެ 90 ޕަސެންޓު ފައިސާ ހޯދިފައިވާ ކަމަށެވެ. ނަމަވެސް ވަގަށް ގެންގޮސްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އޮފިޝަލް ހާމައެއްނުކުރެއެވެ.

އެމައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީި އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރި ހަތް ފިރިހެނުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ދެ މީހެއްގެ ބަންދަށް 7 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތަށް މިއަދު ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ބަންގްލަދޭޝް ރައްޔިތަކުވެސް ހިމެނޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ބޭންކެއް ފަޅާލައިގެން ފައިސާތަކެއް ވަގަށް ނެގި މިމައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.