ޚަބަރު

ދައުލަތުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު އިތުރަށް ސާފުވެއްޖެ - ހޯމް މިނިސްޓަރ


ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމާއެކު ދައުލަތުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު އިތުރަށް ސާފުވެއްޖެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ކެބިނެޓްގައި ހިމެނިވަޑައިގަންވާ ވަޒިރުން މަޤާމުގެ މަސްޢޫލިއްޔަތުތައް އަދާކުރައްވަން ފައްޓަވާފައިވާއިރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ކަންކަން ހިނގަންވާގޮތަށް ނުހިނގާކަމާއި، ކަންކަން ދޯދިޔާވެފައިވާ މިންވަރު އެނގިވަޑައިގެންފިކަމަށެވެ.

އެހެންކަމުން ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި، ދެފުއްފެންނަ ތަހްޒީބު އުސޫލަކުން ކަންކަން ހިންގުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސަތުތައް ކާމިޔާބުކުރުމަށް، ކޮންމެ ގޮންޖެހުމަކާވެސް ކުރުމަތިލައްވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގަންނަވާ ވަގުތު އެންމެބޮޑަށް ހަނދުމަފުޅުއާވަނީ، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ މަރުހޫމް ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ހެޔޮ ލަފާފުޅާއި، ނަސޭހަތްޕުޅާއި އިރުޝާދުތައް ކަން ފާހަގަކުރެއްވިއެވެ.