ޚަބަރު

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ދަނޑުވެރިންނަށް ގިނަ ކަންތައްތަކެއް


ކުދި ވިޔަފާރީގެ ގޮތުގައި އަމިއްލަ ގިނަ ފަރާތްތަކަކުން ކުރަމުންދާ ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމަށް މުހިންމު ކަންތައްތަކެއް، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނައިފިއެވެ.

ވަކި ދާއިރާއެއް ބާކީ ނުކޮށް ހުރިހާ ދާއިރާއަކުންވެސް މުހިންމު ކަންތައްތަކެއް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނާފައިވާއިރު، ދަނޑުވެރިކަމުގެ ދާއިރާއިން މުހިންމު 4 ކަމެއް ވަނީ ހިމަނާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަނޑުވެރިކަމުގެ ދާއިރާއިން ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ދަނޑުވެރިކަމަށް ކުރުމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ވަނީ ނިންމާފައެވެ. ދަނޑުވެރިކަން ކުރުމަށް ރާއްޖެއިން ބޭރުން އެތެރެކުރާ ގަސްކާނާފަދަ ތަކެއްޗާއި، މެޝިނަރީފަދަ ތަކެތިން މިހާރު 20 އިންސައްތައާ ހަމައަށް ދަނީ ޑިއުޓީ ނަގަމުންނެވެ. ރާއްޖޭގައި ދަނޑުވެރިކަން ފުޅާވަމުންދާއިރު، ތަކެތި ހެއްދުމަށް ކުރާ ޚަރަދަށް ބަލައި ލިބޭ އާމްދަނީ ކުޑަކަން ދަނޑުވެރިން ފާހަގަކުރެއެވެ. އެހެންކަމުން ދަނޑުވެރިކަމުގެ މަސައްކަތަށް ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ ސަބަބުން ދަނޑުވެރިކަމުގެ މަސައްކަތަށް ކުރާ ހޭދަ ކުޑަވެގެންދާނެއެވެ.

ސަރުކާރުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް މި މަސައްކަތް ކުރުމަށް ބޭނުންވާ ލޯނު އެހީ ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ދަނޑުވެރިކަމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި، ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު މި މުއްދަތުތެރޭގައި ފަހިކޮށްދިނުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

އަދި ރާއްޖޭގައި ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ސިއްޙަތައް ގެއްލުން ނުވާގޮތަށް އުފައްދާ ތަކެތިކަން ކަށަވަރުކޮށް އެކަން ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުމާއި، މީހުންދިރިއުޅޭ ރަށްތަކުންނާއި، ފަޅުރަށްރަށުން، ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އޮނިގަނޑެއް އެކުލަވާލައި ސަރުކާރުގެ ފުރަތަަމަ 90 ދުވަހުގެ ތެރޭގައި ބިން ދޫކުރަން ފެށުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން އެނިމަލް ފާރމިންގަށް ބިން ދޫކުރުންވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.