ޚަބަރު

ސިފައިންނަށް އަޅައިދޭ ފްލެޓްތައް އަވަސްކުރުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މަޝްވަރާކުރައްވައިފި


ސިފައިންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ޢިމާރާތްކުރަމުން އަންނަ ފްލެޓްތަކާ ބެހޭގޮތުން އެމްއެންޑީއެފްގެ އިސްވެރިންނާއެކު ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދި މަޝްވަރާކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި "ސިފްކޯ ހިޔާ" މަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މަޢުލޫމާތު އޮލުންފިލުއްވެވިއެވެ.

ސިފްކޯގެ އިސްވެރިންނާއި، ސިފައިންގެ މިލިޓަރީ އިންޖިނިއަރުންގެ އިސް ފަރާތްތަކުން ބައިވެރިވި މިބައްދަލުވުމުގައި ސިފައިންގެ ފްލެޓްތައް އަވަހަށް ނިންމުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ސިފައިންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ބިނާކުރާ 300 ފްލެޓްގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. އެހެންނަމަވެސް އޭރު މަސައްކަތް ޙަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ، އެ އެއްބަސްވުން ބާޠިލްކޮށް، އަލުން މަސައްކަތް ފަށާފައިވަނީ، 2016 ވަނަ އަހަރުގައެވެ.މިހާރު މަސައްކަތް ކުރިއަށް ގެންދަނީ އައިލެންޑް އެކްސްޕާރޓުންނެވެ.

ސިފްކޯ ހިޔާ މަޝްރޫޢުގެ ތެރެއިން ޢިމާރާތްކުރާ ފްލެޓްތަކަކީ ލަގްޒަރީ ފެންވަރުގެ 3 ކޮޓަރި ހިމެނޭ އެޕާޓްމަންޓްތަކެކެވެ. 3 ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމަންޓެއްގައިވެސް 900 އަކަފޫޓު ހުރެއެވެ.