ޚަބަރު

ދުނިޔޭގެ އެންމެ މަޤުބޫލު 10 ލިވްއަބޯޑްގެ ލިސްޓަށް "ކާޕޭ ޑިއެމް" ހޮވިއްޖެ


2018ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މަޤުބޫލު 10 ލިވްއަބޯޑް ނުވަތަ ސަފާރީ ބޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ ކާޕޭ ޑިއެމްގެ ލިވްއަބޯޑު ހިމެނިއްޖެއެވެ.

ޑައިވް މެގަޒިން ޔޫކޭއިން ހޮވާ އެންމެ މަޤުބޫލު 10 ޑައިވް ލިވްއަބޯޑުގެ ލިސްޓް އިއުލާންކޮށްފައިވަނީ ޑައިވިން އިކުއިޕްމަންޓް އެންޑް މާރކެޓިން އެސޯސިއޭޝަން، ޑީމާގެ ޑައިވް ޓްރެވަލް ފެއަރގެ ތެރެއިންނެވެ. މިގޮތުން ޑައިވް މެގަޒިން ޔޫކޭއިން އާންމުންގެ ވޯޓަށްބަލާ ޝޯޓްލިސްޓު ކުރި އެންމެ މަޤުބޫލު ލިވްއަބޯޑުތަކުގެ ތެރޭގައި ކާޕޭ ޑިއެމް މޯލްޑިވްސްގެ ފްލީޓްގައި ހިމެނޭ ތިން އުޅަނދުވެސް ވަނީ ޝޯޓުލިސްޓުވެފައެވެ. އަދި މީގެތެރެއިން ދުނިޔޭގެ އެންމެ މަޤުބޫލު 10 ލިވްއަބޯޑުގެ ލިސްޓުގެ ހަވަނައަށް ކާޕޭ ޑިއެމް މޯލްޑިވްސްގެ ކާޕޭ ޑިއެމް އުޅަނދު ވަނީ ހޮވިފައެވެ. މިއީ ކާޕޭ ޑިއެމް މޯލްޑިވްސްއަށް މިޝަރަފުލިބިފައިވާ ދެވަނަ އަހަރެވެ.
ދުނިޔޭގެ އެންމެ މަޤުބޫލު ލިވްއަބޯޑުތަކުގެ ލިސްޓް ތައްޔާރުކުރަނީ އާންމުންނާ، ޑައިވް މެގަޒިން ޔޫކޭގެ ކިޔުންތެރިންދޭ ވޯޓަށްބަލައިގެނެވެ.
2008ވަނަ އަހަރު ޤާއިމްކުރި ކާޕޭ ޑިއެމް މޯލްޑިވްސްއަކީ ޑައިވް އެންޑް ސާރފް އެކްސްޕީރިއަންސް ފަތުރުވެރިންނަށް ދިނުމަށް އެންމެ ކުރީގައި މަސައްކަތްކުރާ ބަޔެކެވެ. މިކުންފުނީގެ ފްލީޓްގައި މިހާރު ތިން ލިވްއަބޯޑު އޮވެއެވެ.