ޚަބަރު

"ދުޅަހެޔޮ ހަށިހެޔޮ ޢީދު" ކުޅިވަރު ފެސްޓިވަލަކީ ރަނގަޅު ފެށުމެއް- ރައީސް


"ދުޅަހެޔޮ ހަށިހެޔޮ ޢީދު" ކުޅިވަރު ފެސްޓިވަލަކީ އައު އުއްމީދުތަކަކާއެކު ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ މި ދަނޑިވަޅަށް ރަނގަޅު ފެށުމެއްކަމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދެ ދުވަހަށް ކުރިއަށްގެންދިޔަ ކުޅިވަރު ޢީދުގެ ހަރަކާތްތައް ނިންމަވާލެއްވެމުގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ޚިޔާލު ތަފާތުވުންތަކާއެކުވެސް ކުޅިވަރުގެ ތެރެއިން އެންމެން އެއްބައިވަންތަ ކުރުވާކަމަށެވެ. އަދި މި ކުޅިވަރު ޢީދުގެ ތެރެއިން އެ މަޤްސަދު ވަރަށް ބޮޑަށް ހާސިލްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނިމިގެންދިޔަ ކުޅިވަރު ޢީދާއެކު ކުޅިވަރުގެ ޖޯޝާއި ފޯރި ކުރިއަށް އޮތްތާނގައި އިތުރަށް ފެންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޅިވަރު ޢީދުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔަ ފުޓްބޯޅަ މެޗުތަކަށް އިޝާރާތްކުރައްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި މިހާރުގެ ޒުވާން ޓީމްތައް އެއް ދުވަހެއްގައި ދަނޑުމަތިން ފެނުމަކީ ފުޓްބޯޅައާއި މެދު ކުރެވޭ އުއްމީދުތައް އިތުރުވާކަމެއްކަމަށެވެ. އަދި މިފަދަ ކުޅިވަރު ފެސްޓިވަލްތައް ކުރިއަށް އޮތްތާނގާއިވެސް ފެންނާނެކަމުގެ ޔަގީންކަންވެސް ރާއީސް ދެއްވިއެވެ.

"ދުޅަހެޔޮ ހަށިހެޔޮ ޢީދު" ކުޅިވަރު ފެސްޓިވަލަކީ ގިނަ ކުޅިވަރުތަކެއް ހިމަނައިގެން، އެކި އުމުރުފުރައިގެ މީހުން ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ ދެ ދުވަހުގެ ބޮޑު ފެސްޓިވަލެކެވެ.